އިލްމަކީ ވަކި އުމުރެއްގެ މީހަކަށް އޮންނަ އެއްޗެއް ނޫނެވެ. ކިޔަވަން ބޭނުންވެ ނުކިޔެވޭނެ އެއްވެސް އިރެއް އުމުރެއް ނޯވެއެވެ. އެންމެ ފުރަތަމަ އަހަރެމެން ކިޔެވުމުގެ މަރުހަލާ ރަސްމީކޮށް މި ފަށައިގަންނަނީ ގާތްގަނޑަކަށް އުމުރުން ތިން އަހަރުންނެވެ. އެއީ ބޭބީ ނާސަރީ އިންނެވެ. އޭގެ ފަހުން ގޮސް ޕްރައިމަރީ ގްރޭޑްތައް ނިންމައި ކިޔެވުމާއިގެން ހަރުފަތަކަށް ފަހު ހަރު ފަތެއް ގިރާ ކުރަމުން ކުރިޔަށް ދަމެވެ.
އެ ގޮތުން އެންމެންނަކީ ގްރޭޑް 10އެއް ނިންމާފަ ތިބޭ ބައެއްވެސް ނޫނެވެ. ބައެއް ކުދިން ގްރޭޑް އަށަކާއި ހިސާބުން ކިޔެވުން ހުއްޓާލާފައިވެސް އުޅެއެވެ. އެފަދަ ކުދިން ބުނަނީ ކިޔަވަން ބޭނުން ނުވާ ކަމަށެވެ. ނޫނީ ކިޔަވާ ހިތް ނުވަނީ ކަމަށެވެ.
ކުދިން ކިޔަވަން ބޭނުން ނުވާން ދިމާވާ ވަރަށް ގިނަ ސަބަަބުތައް ދިމާވެއެވެ. އަދި ހަމަ އެހެންމެ އެފަދަ ކުދިން ކިޔެވުމް މަތިން ފޫހި ނުވެ ޝައުގެވެރި ކަމާއިއެކު ކިޔެވުމާއިގެން ކުރިޔަށް ދެވޭނެ ގޮތްތައްވެސް ހުރެއެވެ. އެހެން ނަަމަވެސް އެ ހާލަތުގައި މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި އެއްކަލަ ކިޔަވާ ކުއްޖާ އެކަންޏެއް ނޫނެވެ. އޭގައި ބެލެނެވެރިންނާއި ކުއްޖާއަށް ކިޔަވައިދޭ މުދައްރިސްގެ ދައުރުވެސް ބޮޑުވާން ޖެހެއެވެ.
ކުދިން ކިޔެވުން މަތިން ފޫހިވަނީ ކީއްވެ؟
އާންމު ގޮތެއްގައި ކުދިން ކިޔެވުން މަތިން ފޫހިވާން މެދުވެރިވާ މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެކުދިންނަށް ކިޔެވުމަށް މާބޮޑަށް ޕްރެޝަރ ކުރުމެވެ. އެ ގޮތުން އަބަދު އަބަދު ކިޔަވަން ބުނުމާއި، މޮޅަށް ކިޔަވާ ކުދިންނާ އެއްްފަދަކޮށް ވާހަކަ ދައްކަން ފެށުމުން ކުދިން ކިޔަވަން ފޫހިވެ ކިޔެވުމާއި ދުރަށްދެއެވެ. ސަބަބަކަށްވަނީ އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކި ވަރަށް ކަމުގައި ވީ ހިނދު އެހެން ކުދިންނާ އެއްވަރު ކުރުމުން އެއްކަލަ ކިޔެވުމަށް ދަށް ކުއްޖާއަށް ގަބޫލު ކުރެވޭނީ އެކުއްޖާއަށް ކިޔެވުމަށް މަސައްކަތް ނުކުރެވެނީ ކަމަށެވެ.
މީގެ އިތުރުން އެކި ކުދިން ކިޔަވަން ބޭނުން ކުރާނީ އެކި އުކުޅު ތަކެވެ. އެ ގޮތުން ބައެއް ކުދިންނަކީ ވަރަށް ހަމަ ހިމޭން މާހައުލެއްގައި ކިޔަަވަން ބޭނުންވާ ކުދިންނެވެ. އަނެއް ބައި ކުދިންނަކީ އަޑު ގަދަ ހަމަ އެހެންމެ ސަކަރާތް ޖެހުމާއި އެކު ކިިޔަވާ ކުދިންނެވެ. އަދި ހަމަ އެހެންމެ ލަވަ ޖަހައިގެން އޮވެ ކިޔަވާ ފިލާވަޅުތައް ހަދަން ފަސޭހަ ކުދިންވެސް އުޅެއެވެ. މިފަދަ ކުދިން ކިޔަވަން އެ ބޭނުން ކުރާ ގޮތް ގިނަ ފަހަރު ބެލެނެވެރިންނަށް ކަމުނދާ ގޮތް މެދުވެރިވެއެވެ. މިސާލަކަށް ކިޔަވާ އިރު ބާރަށް މަންމަ ނޫނީ ބައްޕައަށް އަޑު ނީވޭ ވަރަށް ކިޔަވާނަމަ ކިޔަވާ ކަމަށް ނުވެއެވެ. ކިޔަވާ ކަމަށް ބެލެވެނީ ބާރަށް އެމީހުނަށް އަޑު އިވޭ ވަރަށް ކިޔެވުމުންނެވެ. އޭރުން ހަގީގަތުގައި އެއްކަލަ ކުއްޖާއަށް އެއްވެސް އެ ކިޔެވި އެއްޗަކުން އެއްވެސް އެއްޗެއް ފަހުމް ވެގެނެއް ނުދާނެއެވެ. އޭރުން އަނެއްކާވެސް އެކުއްޖާ ދާނީ ކިޔެވުން މަތިން ފޫހިވަމުންނެވެ.
ދެން އޮތް އެންމެ ބޮޑު އެއްމައްސަލައަކީ އަބަދު ކިޔަވަން ބުނުމެވެ. އަބަދު އަބަދު ކިޔަވަން ބުނާ ނަމަ ކިޔަވާހިތް ވުމުގެ ބަދަލުގައި ދާނީ ކިޔެވުމާއި ދުރަށެވެ.
ކުއްޖާ ކިޔެވުމަށް ޝައުގުވެރި ކުރުވާނީ ކިހިނެއް؟
ކުއްޖާ ކިޔެވުމަށް ޝައުގުވެރި ކުރުމުގައި އެންމެ މުހިންމު ދައުރެއް ކުޅެން ޖެހޭނެ ފަރާތަކީ ކުއްޖާގެ ބެެލެނެވެރިންނާއި މުދައްރިސުންނެވެ. އެ ގޮތުން ދަރިފުޅުގެ ކިބައިން ކިޔެވުމަށް ފޫހިވުމުގެ އަލާމާތްތަކެއް ފެންނަހެން ހީވާނަމަ ދަރިފުޅާ ވާހަކަ ދައްކާލުން ވަރަށް މުހިންމެވެ. އެ ގޮތުން ހުރި މައްސަލަތައް އަޑުއަހައި ކިޔެވުމުގައި ކުރިޔަށްދާން ހިތްވަރުދެވިދާނެއެވެ. އަދި ކުލާހުގައި ނަގާ ޓެސްޓްތަކުން ދައްވުމުން ހަޅޭއްނުލަވާ، އެއަށްވުރެ ރީއްޗަށް ވާހަކަދައްކައި، އެ ކުއްޖާއަށް އިތުރަށް އަދި މަސައްކަތް ކުރެވޭނެ ކަމާއި އެހެން ނަގާ ޓެސްތަކުން ދަށްވުމަކީ އެއީ އަދި "ފެއިލް" ވޫން ނޫންކަން ކުއްޖާއަށް ވިސްނައިދެވިދާނެއެވެ. އޭރުން އެ ކުއްޖާ އަމިއްލަޔަށްވެސް ކިޔެވުމަށް މަސައްކަތް ކުރާނެއެވެ.
ދަރިވަރު އަމިއްލަޔަށް ކުރެވިދާނެ ކަންތަކަށް ބަލާއިރު ވަކި ވަކި މާއްދާތަކަށް ގަޑި ކަޑައަޅައި ކިޔެވުމަށް މަސައްކަތް ކުރެވިދާނެއެވެ. އެ ގޮތުން ހުރިހާ މާއްދާއެއް އެއް ވަގުތެއްގައި ކިޔަވަން އުޅުމަށްވުރެ އެހެން ކިޔަވަން ފެށުުމުން ކިޔަވާ އެއްޗެހި އަވަހަަށް ފަހުމުވެ އެނގިގެންދާނެއެވެ.
ވަކި މާއްދާއަކަށް ދަށް ވާހެން ހީވާނަމަ އެ މާއްދާއަށް ދޭ ވަގުުތު އިތުރުކޮށް ޝެޑިއުލްކޮށްގެން ކިޔެވުން ކުރިޔަށް ގެނދެވިދާނެއެވެ.
ދަރިވަރުގެ ކިޔެވުމުގެ މިންގަނޑު ވަޒަން ކުރަންވީ ގެންނަ ގްރޭޑް އަކުން ނޫނެވެ.
ގްރޭޑަށް އިސްކަން ދިނުމުން ދަރިވަރު ވެގެންދަނީ ފޮތް އަރުވާފާއޮތް ލޮރީއަށް ވީހެންނެވެ. ދަރިވަރުގެ ކިބައިގައި މައުލޫމާތު ހުރެއެވެ. ނަމަވެސް އެމައުލޫމާތުގެ ބޭނުން ހިފާކަށް ނޭނގެއެވެ. އަދި މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތަކެއް ދަރިވަރުގެ ކިބައިގައި ނުހުންނަތަންވެސް އަންނަނީ މަދަކުން ނޫނެވެ. މިހެންވާންޖެހެނީ އިލްމާއި އެއްވަރަށް ހުނަރު އިތުރުކުރަން ތައުލީމީ ނިޒާމުގެތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރވޭތީ ކަމުގައި ވެދާނެއެވެ. އެހެން ކަމުންއެ ދަރިވަރާއި މެދު ގޮތް ކަނޑައެޅުމުގައި، ދަރިވަރުގެ އަތުގައި އޮންނަ ފާހަށްވުރެ އަމަލީގޮތުން އޭނާ ދައްކާ ނަތީޖާ ބެލުން ބުއްދިވެރިއެވެ.