މި އަހަރުގެ ރަމަޟާން މަހުގެ މުލު ރޯދަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ އެކެއްގެ ނިޔަލަށް އެއްވެސް ބާވަތެއްގެ ބަރު އުޅަނދެއް ސިނަމާލެ ބުރިޖު މަތީގައި ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މިހާރު އޮންނަ ގަވާއިދުގައިވާގޮތުން، މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ. ނަމަވެސް 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ 350 ކިލޯ އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އެތަކެތި އުފުލުން ހުއްދަކޮށްފައިވެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން ކަނޑައަޅާފައިވަނީ ހަވީރު 3:00 އިން ފެށިގެން 9:00 އާދެމެދު އެއްވެސް ބާވަތެއްގެ އުޅަނދެއްގައި، އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާ ކަމެއް ކަމުގައެވެ.
ރަމަޟާންމަހަކީ އާދައިގެ މަތިން އަބަދުވެސް މަގުމަތީގައި ދުއްވާ އެއްޗެއްސާއި މީހުން ގިނަ މަހެއްގެ ގޮތުގައި ފާހަގަކޮށްލެވޭއިރު މިއަހަރު ސިނަމާލެ ބުރިޖުވެސް އޮތުމާއެކު ހުޅުމާލެއިންވެސް މީހުން މާލެ އައުން ފަސޭހަވެގެން ދިއުމުން މަގުމަތީގައި ކާރޫބާރު ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.