ބޮލުގައި އުކުނު އެޅުމަކީ ކޮންމެ މީހަކަށްވެސް އެއްފަހަރު ނަމަވެސް ދިމަވާނެ ކަމެކެވެ. ބައެއްފަހަރު އެއީ އަމިއްލައަށް، އަމިއްލަ ސާފުތާހިރުކަމަށް ފަރުވާތެރިނުވުމުގެ ސަބަބުން ވާކަމެކެވެ. އަދި ތިމާ ކުރާ ކަމަކުން ނޫނަސް ބޮލުގައި އުކުނު އަޅާފާނެއެވެ.
އުކުނަކީ ބޮލަށް އަރާ "ޕެރެސައިޓް" އެކެވެ. އެއީ އިންސާނުންގެ ބޮލުން ލޭ ބޮއިގެން ދިރިއުޅޭ އެއްޗެކެވެ. އުކުނު އެޅުމުން ބޮލުގައި ރިއްސަނީ މިސަބަބައްޓަކައެވެ.
އުކުނު އަޅަން ދިމާވާ އެތަކެއް ސަބަބުތަކެއް ހުރެއެވެ. އެގޮތުން އެންމެ އާންމު އެއް ގޮތަކީ ތިމާގެ ބޮލުގެ އިސްތަށިގަނޑު ރަނގަޅަށް ނުދޮވުމާއި ސާފުކަންމަތީ ނުގެންގުޅެވުމެވެ. އަނެއް ގޮތަކީ އެހެން މީހެއްގެ ބޮލުން ތިމާގެ ބޮލަށް އުކުނު އެރުމެވެ. އެކުގައި ކިޔަވާ ކުދިންގެ ބޮލުންވެސް އެކަކު އަނެކެއްގެ ބޮލަށް އުކުނު އަރައިފާނެއެވެ. އެއީ ތިމާގެ ކޮންޓްރޯލްގައި އޮންނަ ކަމެއް ނޫނެވެ.
އުކުނު އެޅުމަކީ ވަރަށް އުނދަގޫ ބޮޑު ކަމެކެވެ. އަދި އުކުނު އަޅައިފިނަމަ އެހެންކަމަކަށް ސަމާލުކަން ދިނުމަކީވެސް ވަރަށް އުނދަގޫ ކަމަކެވެ. ނަމަވެސް ތިމާ ބޭނުންނަމަ، އެއީ އަބަދު ބޮލުގައި އުޅޭނެ އެއްޗެއް ނޫނެވެ. ބޮލުން އުކުނު ފިލުވޭނެ އެކިގޮތްގޮތް ހުރިކަމަކީވެސް އަހަރެމެން އިންސާނުންގެ ނަސީބެވެ.
އިސްތަށިގަނޑު ތެތްކޮށް ހުއްޓާ ފުނާ އެޅުން
ބޮލުގައި އުކުނު އަޅާފައި ހުރި މީހެއްގެ ކައިރީގައި އުޅެފައި އައިސް ބޯ ހިރުވަން ފަށައިފިނަމަ އެންމެ ފުރަތަމަވެސް ޝައްކު ކުރެވޭނީ ބޮލަށް އުކުނެއް އެރީ ކަމަށެވެ. ސަބަބަކީ އުކުނަކީ އެކެއްގެ ބޮލުން އަނެކެއްގެ ބޮލަށް ވަރަށް ފަސޭހައިން އަރައި އުޅޭ އެއްޗަކަށް ވީމައެވެ. އެފަދަ ކަމެއް ވާނަމަ އެންމެ ފުރަތަމަ ކަމަކަށް ކުރެވިދާނެ ކަމަކީ ބޮލުގެ އިސްތަށިގަނޑާއި ހަންގަނޑު ރަނގަޅަށް ޝޭމްޕޫ ލައިގެން ދޮވެލުމެވެ. އަދި އެއަށްފަހު ތެތްކަން މަތީ ހުއްޓައި ފުނާ އަޅައިލުމެވެ. މިގޮތަށް ފުނާ އަޅާއިރުވެސް ވީހާވެސް ދަތްހިމަ ފުނަލަކުން ފުނާއެޅުން ބުއްދިވެރިއެވެ. މިގޮަތަށް ކަންތައް ކުރުމުން ގިނަފަހަރަށް އުކުނުން ސަލާމަތްވެއެވެ. ނަމަވެސް މިގޮތް ރަނގަޅީ އުކުނު ބިސް އެޅުމުގެ ކުރިން ކޮށްފިނަމައެވެ.
އުކުނު ބޭސް ބޮލުގައި އުނގުޅުން
އުކުނު އަޅައިގެން ކިރިޔާ އުނދަގުލެއް ވިޔަސް އެންމެ ފުރަތަމަވެސް ގިނަމީހުން ދާނީ ފާމަސީއަކުން އުކުނު ބޭސް ގަންނާށެވެ. އަދި އުކުނު ބޭސް ބޮލުގައި އުނގުޅުމުން ވަރަށް ފަސޭހައިން އޭގެ އުނދަގުލުން މިންޖުވެއެވެ. ނަމަވެސް އެފަދަ ބޭސް އުނގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެއެވެ. އެގޮތުން އުކުނު ބޭސް އުނގުޅުމަށްފަހު ބޮލުގައި އެއްވެސް އެއްޗެއް އަޅައި ބަންދުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި މާ ގިނައިރުވަންދެން ބޭސް ހާކާފައި ބެހެއްޓުންވެސް އެދެވިގެނެއްނުވެއެވެ. މީގެ އިތުރުން، ތިން އަހަރު ނުފުރޭ ކުޑަ ކުދިންގެ ބޮލުގައި މިފަދަ ބޭސް އުނގުޅުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި މާބަނޑު މީހުންވެސް މިފަދަ ބޭސް ބޭނުންކުރަން ވާނީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުއެވެ.
އުކުނުތައް ހާސްކޮށްލުން
ކޮންމެ ދިރޭ އެއްޗެއްގެ އުނދަގުލުންވެސް އެންމެ ފަސޭހައިން ދުރަށް ޖެހެވޭނީ އެ އެއްޗެއް ނެތިދާނެ ފަދަ ގޮތެއް ހެދުމުންނެވެ. އެހެންކަމުން އުކުނަކީވެސް ނައްތާލެވިދާނެ އެއްޗެކެވެ. އުކުނުތައް ހާސްކޮށްލުމަކީ މާ އުނދަގޫ ކަމެއްނޫނެވެ. އެގޮތުން ބޮލުގައި ޒައިތޫނި ތެޔޮ ނުވަތަ އަލްމަންޑް ތެޔޮ އުނގުޅުމަށްފަހު ބޮލުގެ އިސްތަށިގަނޑާއި ހަންގަނޑު ރަނގަަޅަށް ބަންދު ކޮށްލާށެވެ. އޭރުން އުކުނުތައް ހާސްވެ މަރުވާން ފަށާނެއެވެ. މިގޮތައް އުުނުތައް ނައްތާލަން ބޭނުންނަމަ މަޔޮނައިޒް އަދި ވެސްލިންވެސް ބައެއް މީހުން ބޭނުން ކުރެއެވެ. ނަމަވެސް އެ ބާވަތްތަކަކީ ބޮލުގައި ލައިގެން އުޅެން އެހާ ފަސޭހަ ބާވަތްތަކެއް ނޫންކަމުން ޒައިތޫނ ތެލާއި އަލްމަންޑް ތެޔޮ އުނގުޅުން ބުއްދިވެރިއެވެ.
އެސެންޝަލް އޮއިލް ބޭނުުންކުރުން
މޫނުގައި ބިހި ނެގުމުން ފަށައިގެން ފައިގެ ހަންގަނޑު ކުރަކިވުމަށްވެސް ބައެއް މީހުން ބޭނުންކޮށް އުޅޭ އެއްޗަކީ "އެސެންޝަލް އޮއިލްސް" އެވެ. މިއީ އެކިވައްތަރުގެ ފަތްޕިލާވެއްޔާއި މާމެލާމެލިން ހާނާފައި ހުންނަ ތެލުގެ ބާވަތްތަކަށް ކިޔައި އުޅޭ ނަމެކެވެ. އެގޮތުން އެެ ބާވަތްތައް ބޭނުން ކޮށްގެންވެސް އުކުނުގެ އުނދަގުލުން ސަލާމަތް ވެވިދާނެއެވެ. އެފަދަ ތެޔޮތަކުގެ ތެރެއިން ބޮލުގައި އުނގުޅިދާނެ ބައެއް ތެލަކީ ޓީ ޓްރީ އޮއިލް، ލެވެންޑަރ އޮއިލް، ނީމް އޮއިލް، ކްލޯވް އޮއިލް، ރެޑް ތައިމް އޮއިލް އަދި ޕެޕަރ މިންޓް އޮއިލްއެވެ. ތެލުގެ އެ ހުރިހާ ބާވަތެއް ބޭނުންކުރާއިރުވެސް ރަނގަޅީ ޒައިތޫނި ތެލާއެކު މުޅި ރޭ އެއްކޮށް އުނގުޅާފައި ބެހެއްޓުމެވެ.
އުކުނު ފިލުވުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ކުރިން މީހުން އުކުނު ފިލުވީ އަމިއްލައަށާއި އެހެން މީހުންގެ އެހީގައި އަތުން އެތަކެތި ނަގައި ހުސް ކޮށްގެންނެވެ. އެހެންކަމުން އެއަށްވުރެ ފަސޭހަގޮތްތަކެއް ފެނުމުން އެކަން އިތުރަށް ފަސޭހަވީއެވެ.