މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ރާއްޖެ ޓީވީއިން ހެނދުނު ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން މިނިސްޓަރ މަހުލޫފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަތީޖާ އައި ގޮތް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށާއި، އެ ނަތީޖާއާއި މެދު ދިވެހިން ތިބީ އުފަލުން ކަމަށެވެ.
"ރައީސް ކަމަށް އިބޫ ހޮވުނީތީ އެކަމާ ފަހުން ހިތާމަކުރާ އެއްވެސް މީހަކާ ދިމައެއް ނުވޭ. އެއީ ހަމަ ރަނގަޅު ނިންމުމެއް ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރޭ. އެހެން އެވަނީ އިންތިޚާބުވެވަޑައިގަތުމަށް ފަހު ރައީސް ވެސް ކަންކަން ކުރައްވާ ގޮތުން." މަޚުލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރަށާއި ރައީސް ޞާލިޙް އަށް ރައްޔިތުން ކުރާ ތާއިދު މިފަހަރުގެ މަޖިލިސް އިންތިހާބުން އެނގިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރެއިން 80 ވަރަކަށް ރަށަށް ވަޑައިގެންނެވި ކަމަށާއި އެ ދަތުރުތަކުން އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއް ކަމަކީ، ރައްޔިތުން ރައީސް ސޯލިހަށް ކުރައްވާ އިތުބާރު ކަމަށް ވެސް މަޚުލޫފް ވިދާޅުވި އެވެ.
މަޚުލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ތަފާތު ބޭފުޅެއް ކަމަށާއި އެތަފާތު ފެންނަމުންދާ ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ރައީސް ފެނިގެން ގޮސްފައި ވަނީ ވަރަށް "ގޯ"ގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި މިހާރު އެ ގެންދަވާ ގޮތަށް ކަންކަން ގެންދަވައިފި ނަމަ އިތުރު ދައުރެއްގައި ވެސް ރައީސް ސޯލިހު ވެރިކަން ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.