މަސްވެރިކަމަށް ނިކުތް ލޯންޗެއްގެ އިންޖީން ހުއްޓި، އޭގައި ތިބި ފަސް ދިވެހިން ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް އިން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، އެ ލޯންޗަކީ ކ.އިތާފުށި ކައިރިން ނައިޓް ފިޝިންގއަށް ނިކުމެ އުޅުނު "އޮކްޓޭވް ސްޕީޑް" ނަމަކަށް ކިޔާ 20 ފޫޓްގެ ލޯންޗެކެވެ. އަދި އޭގެ އިންޖީނު ހުއްޓުން ހަބަރު ރިޕޯޓޫ ކުރުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން، ވާނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 23:51 ހާއިރު ކަމަށް އެބޭފުޅުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗު ވަނީ ހާލުގައި ޖެހުނު މީހުން ތިބި އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ލޯންޗުގެ ވެރިފަރާތާ ގުޅިގެން އެ ލޯންޗު އޮތް ސަރަޙައްދާ ކައިރީގައިވާ ކ.މަނިޔަފުއްޓަށް އެ ލޯންޗު ވަނީ ވައްދާފައެވެ. އަދި، އެ ލޯންޗުގައި ތިބި ފަސް މީހުން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި ރޭ ދަންވަރު 02:34 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.