ޒަމާނަށް އަންނަ ބަދަލުތަކާއެކު މުޖުތަމައުގެ ފަރުދުންގެ ކިބައިންވެސް އަންނަނީ އެ ބަދަލުތައް ފެންނަމުންނެވެ. ދުވަހެއް ދުވަހަކަށް މުޖުތަމައުން ދަނީ ރިވެތި އަޙުލާގުތައް ފެންނަމުންނެވެ. އެކަކު އަނެކަކަށް އެހީ ވުމާއި، ބޮޑެތީ މީހުނަށް އަޅާލާ މީހުން ފެނިގެންދެއެވެ. ނަމަވެސް ސުވާލަކީ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި އެކު އެކަންތައް ކުރަމުން ދަނީ ކިތައް މީހުން ބާވައެވެ. 

މީހުންގެ އަގައިން ތިމާތީ ރަނގަޅު މީހެއް ގޮތުގައި ބުނުވަން އެފަދައިން އަހުލާގު ރަނގަޅުކަމަށް ހެދިގެން އުޅުމުން ވާނެ އެެއްވެސް ފައިދާއެއް ނެތެވެ. މިއަދު މީހުންގެ އަގައިން "އޭ އެދަނީ ވަރަށް ރަނގަޅު ކުއްޖެކޭ" ބުނާ އަޑު އިވިދާނެއެވެ. އެހެން ނަމަވެސް އެއިން އެމީހަކަށް ލިބޭނެ އެެއްވެސް ސަވާބެއް ނެތެވެ.

އަމަލުތައް ކުރުމުގައި ބަލަން ޖެހޭނީ ހަމައެކަނި ހަވާނަފްސުގެ އުފާތަކަށް ނޫނެވެ. ދުނިޔޭގައި ކޮންމެ އަމަލެއް ކުރި ކަމުގައިވިޔަސް ދެ ދުނިޔޭން އެކަމަކުން ފައިދާވާނެހެން އަމަލުތަށް ބެހެއްޓުން މުހިންމެވެ. ބާއްޖަވެރިޔަކަށް ވެގެންދާނީ އޭރުންނެވެ.

މިފަދައިން އަމަލުތައް ބެހެއްޓުމުގައި، އަމިއްލަ ނަފްސަށް ތެދުވެރިވުން ވަރަށް މުހިންމެެވެ. ތިމާ އެ ކުރާ އަމަލެއް ކުރަނީ އެއްވެސް ދެއްކުން ތެރިކަމެއް ނެތި ހެޔޮ ގޮތުގައި ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އިވެއްޖެނަމަ އެކަމެއްދާނީ ރަނގަޅަށެވެ. އޭރުން ތިމާއަށް އޮންނާނީ އިޚުލާސްތެރިކަމުގެ ތަޅުދަނޑި ލިބިފައެވެ. އެ ތެދުވެރިކަން ކޮންމެހެން އެހެން ފަރާތަކަށް އެނގޭކަށް ނުޖެހެވެ. އޭގެ ބަދަލުގައި އެހެން މީހުންގެ ލޮލުގައި އަދުން އަޅުުވަން ރަނގަޅަށް އުޅުމަށްވުރެ ތިމާގެ އިޚުލާސްތެރިކަން ހަމައެކަނި ﷲ އާއި ތިމާ އަމިއްލަ ނަފުސަށް އެނގުނީމަ، އެ ނިމުނީއެވެ. 

ދިރިއުޅުމުގެ ހުރިހާ ޙާލަތްތަކެއްގައި ވެސް ތިމާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިމްތިޙާނު ކުރެވިގެންދާ ޙާލަތްތަކާއި ކުރިމަތިވެ އެވެ. ތިމާމެންނަށް ހަދާލެވޭ ކުޑަކުޑަ ދޮގެއްގެ ސަބަބުން ވެސް ހީވެސް ނުކުރާހާ ދެރަވަރު ކަންކަމާ ތިމާމެންނާ ކުރިމަތިވާތަން ފެންނަނީ މަދެއް ކޮށެއް ނޫނެވެ.

އެހެން ނަމަވެސް އަމިއްލަ ނަފްސުގެ ތެދުވެރިކަމަކީ އޭގެ ސީދާ އަސަރު ތިމާއަށް ނުފެންނަ ކަމެއް ކަމުގައި ހީވެދާނެއެވެ. އެއީ އޭގެ އަސަރު ސީދާ ގޮތެއްގައި އެހެން މީހަކަށް ނުފޯރާތީ އެވެ. އެއީ ހަމައެކަނި ތިމާގެ ކިބައިގައި ހުންނަ ރިވެތި އަޚުލާޤާ ގުޅިފައިވާ ކަމަކަށްވާތީ އެވެ.

ނަފްސުގެ ތެދުވެރިކަމަކީ، ތިމާ އެކަނި ހުންނަ ޙާލަތުގައި، ނުވަތަ އެހެން މީހުން ބަލަން ނުތިބި ކަމުގައި ވިޔަސް ރަނގަޅު ގޮތަށް ޢަމަލު ކުރުމެވެ. ހެޔޮޢަމަލު ކުރުމުގައި ދެއްކުންތެރިކަން އެއް ފަރާތް ކުރުމެވެ.

ބޮސް ބަލަން ނެތީމާ ކަންފަސޭހަކޮށްލުމާއި، އެހެން މީހުން ބަލަން ތިބީތީ ހިތްހެޔޮކަން، ދީލަތިކަން، މުރާލިކަން ފަދަ ސިފަތައް ދެއްކުމާއި، ތިމާއެކަނި އުޅޭ ކޮޓަރިއަކަށްވީތީ މުޑުދާރުކޮށް އެފަދަ މާހައުލު ބެހެއްޓުން ފަދަ ކަންކަމަކީ ތިމާގެ ނަފްސުގެ ތެދުވެރިކަމާއި ގުޅިފައިވާ ކަންކަމެވެ.

ނަފްސުގެ ތެދުވެރިކަން ނެތުމަކީ ތިމާއަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަންކަންކަމުގައި މިހާރު ޤަބޫލު ކުރެވޭނެ އެވެ.

ވަގުތާއި ޙާލަތުގެ ގޮތުން ތިމާއަށް އެއްވެސް ގެއްލުމެއް ނުލިބި ދިއުމަކީ ވަގުތީ ފަސޭހައަކަށް ނުވަތަ ހިތްހަމަޖެހުމަކަށް ވީކަމުގައިވި ނަމަވެސް، އެކަމުގެ ސަބަބުން ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތިމާ ބަލިކަށި ވެގެންދެއެވެ. އަދި އެފަދަ މީހުން މުޖުތަމަޢުން ފެނިގެން ދަނީ ނާކާމިޔާބު މީހުންގެ ގޮތުގައެވެ. އަދި އެއްވެސް އަގެއް ނެތް މީހުންގެ ގޮތުގަ އެވެ. އެހެންކަމުން އިޚްލާޞްތެރި ބަޔަކަށް ވުމަށްޓަކައި، އަހަރުމެންނަކީ ނަފްސަށް ތެދުވެރި ބަޔަކަށް ވާން ޖެހެ އެވެ.

ދެއްކުންތެރިކަމާއި ނުލައި، ނަފްސަށް ތެދުވެރިވުމާއެކު އަނެކާއަށް ވެސް ތެދުވެރި މީހަކަށް ތިމާވެއްޖެ ނަމަ ހިތްހަމަޖެހޭ ދިރިއުޅުމެއް ޙާޞިލު ކުރުމަށް ދާންވީ މިސްރާބު ތިމާއަށް ވަރަށް ސާފުކޮށް ފެނިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *