ގޭގައި މީރު ކާ އެއްޗެއް ކައްކައިފިނަމަ އެ ކާ އެއްޗެއް، އަވައްޓެރިންނަށް ރަހަ ނުދައްކާ ނުކައި އުޅުނު، ދުވަސް މިއަދު މިވަނީ މާޒީއާއި އެކުވެގެން ގޮސްފައެވެ. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރިވެތި އާދަ ތަކާއި އެކުވެރިކަން މިއަދު މިދަނީ މަޑުމަޑުން ދިވެހިންގެ ތެރެެއިން ނެތެމުންނެވެ. ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަން ވެސް މިއަދު މިދަނީ މަޑު މަޑުން އަޅުގަނޑުމެންގެ ތެރެއިން ގެއްލެމުންނެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ވެސް މީހުންނަށް އަޅައިލާ ހިތްހެޔޮ ބައެކެވެ. އެއްގޭގައި ކައްކާ އެއްޗެހި، ގޭ ކައިރި ގެތަކަށް ނުދީ ކުރީގައި ނުކާނެއެވެ. ގައުމު ތަރައްގީ ވަމުން ދިޔަވަރަކަށް ގައުމުގައި ދިރިއުޅޭ އަފްރާދުންގެ ވިސްނުމާއި ހިޔާލުވެސް މިދަނީ ބަދަލުވަމުންނެވެ. ނަމަވެސް އެބަދަލަކީ ރަނގަޅު ބަދަލަކަށް ނުވާތީ ހިތާމަ ކުރަމެވެ.
ޞަދާގާތް ކުރުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ގަދަ ކީރިވަންތަ ﷲ ސުބްހާނަހޫ ވަތާއަލާ ވަނީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އަޅައިލާ، ހާލުގައި ޖެހިފައިވާ ފަގީރުންނަށް ޞަދަގާތް ކުރުމަށް ގޮވާލައްވާފައެވެ. ކޮންމެ މީހަކީ ގިނަ ލާރި ލިބޭ މުއްސަންޖަކަށް ނުވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަޅުގަނޑުމެންނަށް ވާވަރަކުން ޞަދަގާތް ކުރަން ވާނެއެވެ. ތިބާގެ އެކުވެރި އެއް ނުވަތަ ދަންނަ މީހެއް ފެނުމުން، އެމީހަކާއި ދިމާލަށް ހެޔޮހިތުން ހިނިތުން ވެލުމަކީ ވެސް ޞަދަގާތެކެވެ. ހަމަގައިމުވެސް މީހަކު ފެނުމުން ހިނިތުންވުމެއް ހަދީޔާ ކޮށްލުމަކީ ބުރަ ކަމެއް ނޫނެވެ. ނުވަތަ އަތުން ލާރި ތަކެއް ދާނެ ވަރުގެ ކަމެއްވެސް ނޫނެވެ.
ތިބާ މީހަކަށް ޞަދަގާތެއް ކުރަން ބޭނުންނަމަ، އެ ޞަދަގާތެއް ކުރާނީ ތިބާގެ ފެންވަރުންނެވެ. ކޮންމެހެން ތިބާ ޞަދަގާތް ކުރާއިރު އެންމެ މުއްސަނދި މީހާ ޞަދަގާތް ކުރާ ފެންވަރުގައި އެކަން ކުރާކަށް ނުޖެހެއެވެ. މިސާލެއްގެ ގޮތުން، ރޯދަ މަހު ހާލުގައި ޖެހިފައިވާ ފަގީރު މީހަކަށް ކޮންމެ ދުވަހަކު ތިބާގެ ގޭގައި ރޯދަ ވީއްލާ ގަޑިއަށް ތައްޔާރު ކުރާ ކާއެއްޗެހިން އެމީހާއަށް އެތިކޮޅެއް ދެވިދާނެ އެވެ. އެކުރެވުނީވެސް ޞަދަގާތެކެވެ. އެވަރުވެސް ނުވާނަމަ، ރޯދަ މަހުގެ ކޮންމެ ދުވަހު ތިބާ ގޭ ކައިރީގައި ދިރިއުޅޭ ފަގީރު މީހާއަށް ރޯދަ ވީއްލަން ތިން ކަދުރު ވެސް ދެވިދާނެއެވެ. އޭރުންވެސް އެކުރެވުނީ ޞަދަގާތެކެވެ.
ކޮންމެ ކަމެއް ކުރާ އިރުވެސް ނިޔަތަކީ ވަރަށް މުހިންމު އެއްޗެކެވެ. މިސާލަކަށް ތިބާ މީހަކަށް ޞަދަގާތެއް ކުރަނީ ބަޔަކަށް ދެއްކެން ކަމަށް ވާނަމަ އެކަމަކުން ތިބާއަށް ލިބެން ޖެހޭ މިންވަރަކަށް ފައިދާ އެއް ނުލިބޭނެއެވެ. ޞަދާގާތް ކުރާއިރު ވެސް މީހެއްގެ މަގްސަދަކީ މީހުންނަށް ދެއްކުން ކަމުގައި ވަނީ ނަމަ އެމީހަކަށް އެ ޞަދަގާތެއް ކޮށްގެން ލިބޭ ޘަވާބު އެންމެ ފުރިހަމަ މިންވަރަކަށް ނުލިބޭނެއެވެ. އެހެންކަމުން ކޮންމެ ކަމެއް ކުރާއިރުވެސް ހެޔޮ ރަނގަޅު ނިޔަތެއް ހިތު ތެރޭގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.