ބައެއް މީހުންނަކީ ވަރަށް ހިތް މަތި ބައެކެވެ. ހިތުން އަރައި ހުންނާނީ އާސްމާނުގެ އެންމެ އުހުގައެވެ. އުޅެންވާނީ އެންމެ އިއްޒަތްތެރި ޝާހީ ދިރިއުޅުމެކެވެ. ތިބާގެ ފެންވަރަކީ އާދައިދެ ދިރިއުޅުމެއް އުޅުނު ކަމުގައި ވިޔަސް، އުޅެން ބޭނުންވާނީ މުއްސަނދި ދިރިއުޅެމެކެވެ. ގެންގުޅެން ބޭނުންވާނީ، އެންމެ އަގު ބޮޑު ބްރޭންޑެޑް ތަކެއްޗެވެ. މިހާރު މިއުޅޭ ގިނަ އަންހެން ކުދިންނަށް ޖީއެން ސައިކެލެއްގައި ފަހަތަށް ނޭރޭއިރު، މިހާރު މި އުޅޭ ގިނަ ފިރެހެނުންނަށް ވެސް ޖީއެން ސައިކަލެއް ނޫނީ ދުއްވާލެވޭ ކަމަކަށް ނުވެއެވެ.

ޖީއެން ސައިކަލަކީ މިހާރު ދެން ދިވެހިންގެ ތެރޭގައި މާ ނަން ހިނގާ ސައިކަލެކެވެ. އެ ގަންނަން ވެގެން ގިނަ ފިރެހެނުން ތިބެނީ ކަވައިގެންފައެވެ. ވަޒީފާ އަކަށް ދާން ފަށައިފަ، ފުރަތަމަ މަހު މުސާރަ ލިބޭ އިރަށް ގަނެވޭތޯ އުޅޭނީ ޖީއެން ސައިކަލެކެވެ. މުސާރައިން ޖީއެން އެއް ގަންނަ ވަރަށް ލާރި ހަމަ ނުވަނީ ކަމުގައި ވާނަމަ، ދެން ހަދާނެ ގޮތަކީ އެކި މީހުންގެ އަތުން ލޯނަށް ރުފިޔާ ނަގަމުން ނަގަމުން ގޮސް، އެބޭނުންވާ ސައިކަލެއް ގަނެވޭ ވަރަށް ލާރި އެއް ކުރާނެއެވެ. އުމުރުން އެންމެ އެކާވީސް އަހަރު ނުވަނީސް ޖީއެން ސައިކަލު ގަންނަން ހަދައިގެން މީހާ ދަރަނިވެރިއެވެ. ކުރާނެ ކަމެއް ނެތެވެ. މިއަދު މިއުޅޭ ގިނަ ޒުވާނުންގެ ހާލަތަކީ މީއެވެ.

ދެން އޮތީ އެއާ ޖެހުނު އަނެއް ވާހަކައެވެ. ގޮޅި ޖެހި ގަމީސް ލުމުގެ ޓްރެންޑްގެ ވާހަކައެވެ.މިއުޅޭ ދިވެހި ޒުވާނުންގެ ހިތުން ގޮޅި ޖެހި ގަމީހެއް ލެވުނީމައި ދެން އެ ވެވުނީ ވަރަށް ކޫލް ވަރަށް ގަދަ މީހަކަށެވެ. ކިތަންމެ ވަރަކަށް ގޮޅި ޖެހި ގަމީހާއި ފާޑު ފާޑު އެއްޗެހި ލައިގެން އުޅެފައި ވެސް ނަމާދަކަށް މިސްކިތަކަށް އެރޭ ކަމަކަށް ނުވެއެވެ. ގޮޅި ޖެހި ގަމީސް ލައިގެން، ހިތުން މާ ކޫލް ވެލައިގެން ޖީއެން ސައިކަލަކަށް އަރައިގެން މުޅި ދުވަހު ބުރު ޖެހުމުގައި އުޅޭ އިރު، އެންމެ ގަޑިއެއް ގައި ވެސް ނަމާދަކަށް އެރޭ ކަމަކަށް ނުވެއެވެ. 

ބައެއް ފިރެހެނުންނަށް ހަމަ ނުވިސްނެނީއެވެ. އަންހެން ކުދިން ބޭނުންވާނީ ޖީއެން ސައިކަލަކަށް އަރައިގެން، ގޮޅި ޖެހި ގަމީހެއް ލައިގެން އުޅޭ ސޮރެއް ނޫނެވެ. ގިނަ އަންހެން ކުދިން ބޭނުންވާނީ އަޚްލާގު ރަނގަޅު ބަރާބަރަށް ނަމާދު ކުރާ ހެޔޮ މީހެކެވެ. އުމުރު ދެބައި ނުވަނީސް ބޮލުގައި ބޮޑު ލޯނެއް އެޅިފައި ހުރި މީހަކާއި އެކީ އުޅެން ބޭނުންވާނީ ވަކި ކާކު ހެއްޔެވެ؟ ބައެއް އަންހެން ކުދިންނަށް ޖީއެން ސައިކަލެއް އިންނަ ގޮޅި ޖެހި ގަމީހެއް ލާފައި ތިބޭ ފިރެހެނުން ރަންގަނޑަކަށް ވިޔަސް ގިނަ އަންހެން ކުދިންނަށް އެގޮތް ކަމަކު ނުދެއެވެ. 

1
1
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *