އިންޑިއާގެ އާއްމު އިންތިޚާބުގައި ވެރިރަށް ނިއު ދިއްލީގެ ގޮނޑިތައް ދެ ޕާޓީގެ މެދުގައި ބަހާނެ ގޮތާ މެދު އިދިކޮޅު ކޮންގްރެސް ޕާޓީ އާއި ދިއްލީގައި ވެރިކަން ހިންގާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އާ ދެމެދު އެއްބަސްވުމަކަށް އާދެވޭގޮތެއް ނުވިއެވެ.
ޕާލަމެންޓުގެ ދަށުގޭގައި ދިއްލީ ތަމްސީލް ކުރާ ހަތް ގޮނޑީގެ ތެރެއިން ކޮންގްރެސް ޕާޓީން ވަނީ އޭއޭޕީ އަށް ހަތަރު ގޮނޑި ދޫކޮށްލަން އެއްބަސްވެފަ އެވެ. ދިއްލީގައި ވާދަކުރާނީ ތިން ގޮނޑިއަށް ކަމަށް ކޮންގްރެސް ޕާޓީން ބުނެފައިވީނަމަވެސް އޭއޭޕީން ބޭނުން ވަނީ ދިއްލީގެ ފަސް ގޮނޑިއަށް ވާދަކުރާށެވެ.
އޭއޭޕީގެ ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ އިއްތިހާދެއް އުފެއްދުމާ ގުޅޭ މަޝްވަރާތަކުގައި ޔޫ-ޓާނެއް ނަންގަވާފައި ކަމަށް، ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އޭއޭޕީ އާއި ކޮންގްރެސް ގުޅިއްޖެނަމަ ވެރިކަން ކުރާ ބީޖޭޕީއަށް ދިއްލީން ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ހަތަރު ގޮނޑި ދޫކޮށްލަން އެއްބަސްވީ އެ ސަބަބަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރާހުލްގެ ޓްވީޓަށް ރައްދު ދެއްވައި ކެޖްރިވާލްވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓު ކިޔާލުމުން ދޭހަވަނީ، އިއްތިހާދެއް އުފެއްދުން އެއީ ޚިޔާލެއްގެ ތެރޭގައި އޮތްކަމެއް ކަމަށް ކެޖްރިވާލް ގަބޫލުކުރައްވާ ކަމެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށް ކަމަށް ކެޖްރިވާލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ކޮންގްރެސް އިން ދަނީ ބައެއް ސްޓޭޓްތަކުގައި ސަރަހައްދީ ޕާޓީތަކާއެކު އިއްތިހާދުތައް ހަދަމުންނެވެ. މި ގޮތުން އިންޑިއާގެ އެންމެ ބައިގިނަ އަދި ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާ އަށް އެންމެ ގިނަ މެންބަރުން ފޮނުވާ އުއްތަރަ ޕްރަދޭޝްގައި ވަނީ ސަރަހައްދީ ޕާޓީތަކާ އެކު އިއްތިހާދެއް ގާއިމްކޮށްފައެވެ.