ރ.ފައިނުގައި ކުރީގެ ސަރުކާރުން އެޅުމަށް ނިންމި އެއާޕޯޓް ނާޅާން މި ސަރުކާރުން ނިންމައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ދައުރުގައި، ރ އަތޮޅު ފައިނުގައި އަޅަން ނިންމި އެއާޕޯޓް، ނޭޅުމަށް މިސަރުކާރުން ނިންމާފައިވާ ކަމަށް، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ފައިނުގައި އެއާޕޯޓަށް ނޭޅުމަށް ނިންމީ، ފައިނުގައި އެއާޕޯޓް އެޅުމުން ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުންތަކެެއް ލިބޭތީ އެކަމަށް ބަލާފަ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، ފައިނުގައި އެއާޕޯޓެއް އެޅުމަށް ނިންމުމުން، އީއައިއޭ، އިން އެ މަޝްރޫއު އާއި ގުޅިގެން ވަނީ ރިޕޯޓެއް ވެސް ނެރެފައެވެ. އީއައިއޭ ރިޕޯޓްގައިވާ ގޮތުން ފައިނު އެއާޕޯޓްގެ ސަބަބުން ތިމާވެއްޓަށް އެކިވަރުގެ ގެއްލުން ތަކެއް ލިބޭނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ތެރޭގައި ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއްވަނީ ގިނަ އަދަދެއްގެ ރުއްގަސް ކަނޑަން ޖެހޭތީ ކަމަށް ވެސް އެ ރިޕޯޓް ގައި ބުނެފައިވެއެވެ.
އީއައިއޭ އިން ނެރުނު ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބިން ހިއްކުމަށްޓަކައި ފަޅުކޮނެ ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. އެއާޕޯޓްގެ މަސައްކަތަށް ގެންނަ އުޅަނދުތަކުން ތެޔޮ ލީކުވެ ބިމަށް އެޅުންވެސް އެކަށީގެންވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފައިނު ދާއިރާއަށް އިންތިހާބުވެ ވަޑައިގެން މުހައްމަދު ވަހީދަކީ، ގުދުރަތީ ގޮތުން ރީތި، ހިތްގައިމު ސިފަތަކެއް ލިބިފައިވާ ފައިނުގައި އެއާޕޯޓާއި ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ.