ނަޖިސް ފެންނަ ކަމުގެ ޝަކުވާއަށްފަހު މިދިޔަ މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައިވާ ރަސްފަންނު މި ހަފުތާގައި ހުޅުވަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިޓީކައުންސިލްގެމުވައްޒަފު ވިދާޅުވީ، ރަސްފަންނު މޫދު އަލުން ހުޅުވާލަން ނިންމީ، ހެދި ޓެސްޓްތަކަށް ފަހު ރަސްފަންނުގައި އޮންނަ ލޮނުގަނޑުގެ ހާލަތު ރަނގަޅު ކަމަށް އެޗްޕީއޭ އިން އަންގާފައިވާތީކަމަށެވެ. މިކަން އިތުރަށް ޔަގީންކުރުމުގެ ގޮތުން އަދި އެއް ފަހަރު ޓެސްޓް ހެދުމަށް ފަހު މިހަފުތާގައި އެ ސަރަހައްދު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ލޮނުގަނޑުގެ ފެން ނަގައިގެން ޓެސްޓް ކުރަމުން ދަނިކޮށް ނަޖިސް ލެެއްގި ކަމަށް ސިޓީ ކައުންސިލުން ކުރިން ބުނެފައިވެއެވެ. އެގޮތުން، ވެސްޓް ޕާކް ރެސްޓޯރެންޓް ހިންގި ސަރަހައްދާއި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ކުރިން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނިފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނުން ނަޖިސް ފެނި އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު އެތަނަކީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ.