ރެސްޓޯރެންޓްތަކަށާއި ކައިވެނި ޕާޓީތަކަށް ދާއިރު ކާއެއްޗެހި ގެނައުމަށްފަހު ކާންފެށުމުގެ ކުރިން ކާއެއްޗެހީގެ ފޮޓޯ ނަގާ މީހުން ފެންނާނެއެވެ. އެއީ އެމީހުންގެ ފޭސްބުކާއި އިންސްޓަގްރާމަށް ފޮޓޯ ލާށެވެ. 

ކާންފެށުމުގެ ކުރިން ފޮޓޯ ނުނަގައިވެސް ކެވިދާނެކަން  އެނގޭ މީހުން ނުތިބެނީ ކަންނޭނގެއެވެ. އާންމުކޮށް ކާއެއްޗެހި ފެނުމުން މީހުން އަވަސްވެގަންނާނީ ކާށެވެ. ނަމަވެސް ފޮޓޯ ނުނަގައި ނުކެވޭ މީހުން އެންމެ ފުރަތަމަ ބޭނުންވާނީ ރީތި ގޮތަކަށް ކާއެއްޗެހީގެ ފޮޓޯ ނަގައި އަވަހަށް މީސް މީޑީއާގައި އެފޮޓޯ ހިއްސާކޮށް އެހެން މީހުން އެއާއި ބެހޭގޮތުން ބުނާ އެއްޗެއް ބަލާށެވެ. 

ކާއެއްޗެހިން ދުވާ މީރުވަހަކީ އެމީހުންނަށް އެއްވެސް އެއްޗަކަށް ނުވަނީބާއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ހަގީގަތުގައި، ކާން ފެށުމުގެ ކުރިން ފޮޓޯ ނެގުމުގެ މަގުސަދަކީ ކޮބައިކަމެއް އަޅުގަނޑަކަށްވެސް ނޭނގެއެވެ. އެހެންކަމުން ގާތް އެކުވެރިއެއް ގާތު އެއީ ކޮން ނިޔަތެއްގައި ކުރާ ކަމެއްތޯ އަހާލީމެވެ. އެކުވެރިޔާގެ ޖަވާބު އައީ ވަރަށް ސާފުކޮށެވެ. އޭނާ ބުނިގޮތުގައި އެއީ ތިމާއަކީ "ހެޕެނިންގ" މީހެއް ކަމުގައި ވުމަށް ކުރާ ކަމެކެވެ. 

ކާން ފެށުމުގެ ކުރިން ފޮޓޯ ނެގިނަމަވެސް އެ ފޮޓޯތައް މީސް މީޑީއާގައި ހިއްސާކުރުމަކީ ކުރުން އެހާ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ތިމާ ކާއެއްޗެހީގެ ފޮޓޯ ލުމުން އެފަދަ އެއްޗެހި ކާން ނުލިބޭ މީހުންނަށްވެސް އެމަންޒަރު ފެންނާނެތީއެވެ. އަދި އެފަދަ މަންޒަރުތައް ފެނުމަކީ އެމީހުންނަށް ލިބޭނެ ހިތްދަތިކަމަކަށް ވާނެއެވެ. 

ކާއެއްޗެހީގެ ފޮޓޯ ނުނަގައި އެތަކެތި ނުކެވޭ މީހުންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ ބައެއްކަންވެސް ބައެއް ދިރާސާތަކުން ދައްކާފައިވެއެވެ. އަދި އެފަދަ މީހުން ކާއެއްޗެހީގެ ފޮޓޯ ނަގަން ބޭނުންވާ ގޮތަށް ނުނެގިއްޖެނަމަ ކާން ގެންނަ ތަކެތި ނުކައިވެސް ބައެއްފަހަރު ދޫކޮށްލާނެއެވެ. އަދި ތަފާތު "ފިލްޓާ" ތަކާއި "އިމޯޖީ"ތައް ލައިގެންވެސް އެމީހުން ނަގާ ފޮޓޯއަށް ފުރިހަމަ ކަމެއް ނައިސްފިނަމަ ދެން މުޅި ދުވަހުވެސް އެމީހުން ތިބޭނީ މޫޑު ކަޓާފައެވެ. 

ކާއެއްޗެހީގެ ފޮޓޯ ނުނަގައިވެސް ކާންފެށިދާނެކަން އެނގޭއިރު، ބަނޑުހައިވެގެން ހާންތި ވާއިރުވެސް ހިތްހަމަޖެހޭ ފޮޓޯއެއް ނެގުނީމައި ނޫނީ ނުކައި މަޑުކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *