ދިވެހިރާއްޖެއަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ގައުމެކެވެ. ދުނިޔޭގެ އީކުއޭޓަރ ގެ ކައިރި ހިސާބެއްގައި ރާއްޖެ ގާއިމްވެފައިވުމަކީ ރާއްޖެއަށް އެހެން ގައުމުތަކާއި ތަފާތުކޮށް، އާދަޔާ ޚިލާފަށް ހޫނުވާ އެއް ސަބަބެވެ. 

ވާރޭއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އިންސާނުންނަށް މާތްﷲ ލައްވަވާފައިވާ ރަހުމަތެކެވެ. ދިވެހިންނަށް މި ނިޢުމަތަކީ ވަކިން އަގުހުރި އެއްޗެކެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުގެ މީހުން ބުއިމަށްވެސް ބޭނުންކުރަނީ ވާރޭފެނެވެ. ރާއްޖެއަށް ވިއްސާރައިގެ މާބޮޑު އަސަރެއް ނުކުރާތަން އެތައް ދުވަހެއްވެ، ދިވެހިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން އިއްޔެ މެންދުރު ނަމާދަށް ފަހު މުޅި ރާއްޖޭގެ އެއް ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ވަނީ އިސްތިސްޤާ ނަމާދުކޮށްފައެވެ.

ކުޅަދުންވަންތަ ﷲގެ ރަހުމަތް ފުޅުން އިއްޔެ ރެއާއި މިއަދު ހެނދުނުގެ ވަގުތުތަކުގައި ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ބޯކޮށް ވިއްސާރަކޮށްފައެވެ. ބައެއް ރަށް ރަށުގެ މަގުތަކުގައި ފެންބޮޑުވާ ވަރަށް ވަނީ ވާރޭ ވެހިފައެވެ. 

ކަންކަމާ ވިސްނައި، ފިކުރުކުރާ މީހަކަށް މިކަމުންވެސް އިބުރަތެއް ހާސިލްވާނެކަން ކަށަވެރެވެ. މާތް ﷲ އައްރޫމް ސޫރަތުގެ 48 ވަނަ އާޔަތުގައި ވަހީކުރެއްވި މާނައިގައިވެއެވެ.

"اللَّه އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمة ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصل ކޮށްގަނެތެވެ."

ވާރޭ ނުވެހޭތާ ކިތައް ދުވަސް ރާއްޖޭގައި ވޭތުވެގެން ހިނގައްޖެ ހެއްޔެވެ؟ ވާރޭ ވެއްސެވުމަށް ދުޢާ ކުރީ ކިތައް މީހުންހެއްޔެވެ؟ އިޚުލާސްތެރި ނިޔަތެއްގައި ވާރޭއަށް އެދިގެން ދުޢާކުރެވުނީ ކިތައް ފަހަރުހެއްޔެވެ؟ އިއްޔެ އިސްތިސްޤާ ނަމާދު ކުރަމުންދިޔަ ވަގުތުގައިވެސް ބައެއް ރަށްރަށަށް ވަނީ ހިމަފޮދު ވާރޭ ވެހިފައެވެ. މި ކަމުންވެސް ހާމަވެގެން ދަނީ މާތްﷲގެ ކުޅަދުންވަންތަ ކަމާއި އޯގާވަންތަ ކަމެވެ.

ﷲ ސުބްޙާނަހޫ ވަޠަޢާލާއަކީ ގިނަގިނައިން ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ ވަނީ ޤުރުޢާނުގެ ގިނަ އާޔާތް ތަކުގައި ދުޢާކުރުމުގެ މުހިންމުކަމާއި، ދުޢާގެ މާތްކަން އަންގަވައި ބަސްފުޅު ވަހީ ކުރައްވާފައެވެ.

މާތްﷲ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *