ނިމި ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެންމެ ހިތްދަތި ނާކާމިޔާބީއެއް ލިބިވަޑައިގަތް އެއް ބޭފުޅަކީ މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ މެންބަރު، އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲކަން އެއީ މިއަދު ދިވެހިން ޤަބޫލު ކުރާ ހަޤީޤަތެކެވެ.
ދިހަ އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަބްދުއްރަހީމް ހޭދަކުރައްވާފައިވާއިރު, އޭނާ ފާހަގަވެފައިވަނީ އަޑު ހަރު، ބަސްމޮށުންތެރިކަމުގައި ކުޅަދާނަ ބޭފުޅެއްގެ ގޮތުގައެވެ. ދެ ދައުރުގައި ފޮނަދޫ ދާއިރާގެ ގޮނޑީގައި ފޫޖައްސާލައިގެން އިނދެ ނުހަނު ގިނަ ކަންތައްތަކެއް އެ ދާއިރާއަށް ސަރުކާރު މެދުވެރިކޮށް ކުރެއްވިއެވެ. ބޮޑެތި ޕްރޮޖެކްޓްތައް ހައްދުންމަތީ ފޮނަދޫއާއި މާމެންދޫއަށް ގެނެސްދެއްވިއެވެ. ރައްޔިތުންގެ މޫނަށް ކުޑަނަމަވެސް ހިނިތުންވުމެއް ގެނެސްދެއްވިއެވެ.
މަޖިލިސް އިންތިހާބުގައި އަބްދުއްރަހީމަކީ ފޮނަދޫ ދާއިރާގެ ގޮނޑީގައި ބައިންދަން ހެޔޮވާ ވަރުގެ މީހެއް ނޫން ކަމަށް ބުނެ އޭނާ އެ ގޮނޑިން ބޭލުމަށް ކެރި ހުރެ ނުކުތް އެންމެ ހިތްވަރުގަދަ، ޒުވާން ކެންޑިޑޭޓަކީ އެމްޑީޕީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ, އެ ގޮނޑި ކާމިޔާބުކުރެއްވި, މަޝްހޫރު ޤާނޫނީ ވަކީލު, މޫސާ ސިރާޖެވެ.
މަޖިލިސް އިންތިހާބުގެ ކުރިން މޫސާ ސިރާޖާއި އަބްދުއްރަހީމްގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެއެވެ. އެއިރުވެސް މޫސާ ސިރާޖު ބުނަމުން ދިޔައީ މިފަހަރު ރައްޔިތުން އަބްދުއްރަހީމަށް ނޫނެކޭ ބުނާނެ ކަމަށާއި ގަދަ ގޮނޑީގައި އިން އަބްދުއްރަހީމް އެ ގޮނޑިން ބާލުވާނެ މިހަކީވެސް އޭނާ ކަމަށެވެ. އާހިރުގައި ކަން ވެ ދިޔައީވެސް ހަމަ އެ ގޮތަށެވެ. ހަނި ތަފާތަކުން އަބްދުއްރަހީމް ބަލިކޮށް ފޮނަދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވީ މޫސާ ސިރާޖެވެ.
އެމްޑީޕީގެ ކެންޑިޑޭޓް، މޫސާ ސިރާޖަށް ފޮނަދޫ ދާއިރާގެ ގޮނޑި ލިބުމުން އެކަން އަބްދުއްރަހީމަށް ވީ ޤަބޫލުކުރަން ދަތި ކަމަކަށެވެ. އެހެންކަމުން އިލެކްޝަން ކޮމިޝަންގައި އެދިގެން ފޮނަދޫ ދާއިރާގެ ބައެއް ފޮށީގެ ބާތިލްވޯޓުވެސް އަލުން ގުނިއެވެ. ނަމަވެސް ބާތިލް ވޯޓު އަލުން ގުނުމުންވެސް ގިނަވީ ސިރާޖުގެ ފަތަށެވެ. ބުރަނީ ސިރާޖުގެ ކޮޅެވެ. އަބްދުއްރަހީމަށް ބޮޑު ނާކާމިޔާބިއެކެވެ.
އަބްދުއްރަހީމްގެ ނާކާމިޔާބީއާއި އެކު ސިޔާސީ ހަރަކާތްތަކުން އޭނާ ކުޑަކޮށް ފެޔަށް ޖެހިލިއެވެ. ހިލަމެއް ނުވިއެވެ. ފަހަރުގައި ދާއިރާގެ ރައްޔިތުންގެ ނިންމުން އަބްދުއްރަހީމަށް ބަރުދާސްތު ނުކުރެވުނީ ކަމަށްވެސް ވެދާނެއެވެ.
އިންތިހާބުގައި އަބްދުއްރަހީމަށް ނާކާމިޔާބު ވި ނަމަވެސް އޭނާއަށް ސަޕޯޓް ކުރެއްވި ރައްޔިތުންގެ މަތިން އޭނާ ހަދާނެއް ނުނެތެއެވެ. އަބްދުއްރަހީމަކީ މޮޅު ޅެންވެރިއެއްވެސް މެއެވެ. އެހެންކަމުން އޭނާ މިވަނީ ޅެމެއްގެ ޒަރީއާއިން ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
"ދިހަ އަހަރު ހިދުމަތް ކުރަން ތިޔަ ދެއްވި މަތިވެރި ފުރުސަތަށް
ނުހަނު އިހްލާސްތެރި ކަމާ އެކު ޝުކުރުވަން ރައްޔިތަށް
ދާއިރާ ތަމްސީލް ކުރުމަށް ހިތްވަރާ އެކު ކަން ކުރީ
ދާއިރާގައި ރޫޙު ހުރި ގޮތް ދަނެ އެ ރޫޙާ އެއް ގޮތަށް"
މި ފަދަ ޅެންބައިތު ތަކުން އަބްދުއްރަހީމް ވަނީ އޭނާގެ ހިތުގެ އެންމެ ފުން މިނުން ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަބްދުއްރަހީމްގެ ޅެމުގައި އޭނާ ބުނީ، ދެގޮތެއް ނުވެ ރައްޔިތުންގެ ބަސް އިއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނުލިބުނު ނަމަވެސް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރެއްވުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.