ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވާރޭ ނުވެހި ގިނަދުވަސްތަކެއްވުމަށްފަހު އިއްޔެ ވަނީ ގިނަ ސަރަހައްދުތަކަށް ވާރެ ވެހެން ފަށައިފައެވެ. އަދި ވެރިރަށް މާލެއަށް ރޭ ވެސް ވަރަށް ބޯކޮށް ވަރޭ ވެހުނެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މިއަދު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ހެނދުނުން ފެށިގެން މިއަދު މެންދުރު ފަހު 15:15 އާއި ހަމައަށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ޅ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެއެވެ.
މުޅި ރާއްޖެއަށް ވެސް ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރަނީ ގަޑިއަކު ފަސް މެއިލާއި 15 މެއިލާ ދެމެދުގެ ބާރު މިނެއްގަ އެވެ.
ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވަރޭވެހިފައިވަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމުން ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރުމަށްފަހު މާ ގިނައިރުތަކެއް ނުވަނީހެވެ.