އެންމެ ކުރީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކައި އުޅުނު އެކައްޗަކީ ބަނބުކޭލެވެ. ބަނބުކޭލަކީ ތަފާތު ގޮތްގޮތަށް ކެވޭނެ ފަލަމަޑިއެކެވެ. އެގޮތުން އިހުގައި ދިވެހިން ބަނބުކެޔޮ ކައި އުޅުނުގޮތްވެސް މިހާރާއި ބަލާފަ ވަރަށް ތަފާތެވެ. 

އޭރަކީ ކާން މާ ގިނަ ބާވަތްތައް ލިބޭ ދުވަސްވަރެއް ނޫންކަމުން، އޭރު ބަނބުކެޔޮ ކައި އުޅުނީ ކައްކައިގެންނާއި ފިހެގެންނެވެ. ފަހުން ކާން ފެށި ގޮތަކީ ހަނޑުލާއެކު ބަނބުކެޔޮ ކައްކަނީއެވެ. އެއީ އޭރުގެ ކެއުންތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ކެއުމެވެ. ބަނބުކެޔޮ ބަތާއި ގަރުދިޔަ އަދި ލޮނުމިރުހަކީ މިހާރުވެސް ބައެއް ގޭގޭގައި، ވަކި އިރަކަށް ނުބަލާ ސުފުރާ މައްޗަށް ތައްޔާރު ކޮށްފައި ހުންނަ މީރު ކެއުމެކެވެ. 

މަންމަމެންނާއި މާމަމެން އަބަދުވެސް ދައްކާ އެއްވާހަކައަކީ އޭރު ކާނެ އެއްޗެއް ނެތި ތަދު ކަމުގެ ތެރޭގައި އުޅުނު އިރުވެސް، ހާލަކުން ފަހަރަކު ނަމަވެސް މީރު ކެއުންތައް ކާން ލިބޭ ވާހަކައެކެވެ. އެގޮތުން، ބަނބުކެޔޮ ކައި އުޅުނު އިރުވެސް އެކި "ރެސިޕީ" ތައް ގެންގުޅުނު ވާހަކަ ކިޔާނެއެވެ. އޭގެތެރެއިން ބަނބުކެޔޮ ތައްޔާރުކުރަން އަޅުގަނޑަށް ފާހަގަ ކުރެވުނު އެންމެ މީރު އެއްގޮތަކީ، ލޮނުކެޔޮ ހަދައިގެންނެވެ. މި ކެއުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތައްޔާރު ކުރާނީ އެކި ގޮތަށެވެ. އަޅުގަނޑަށް އެނގިފައިވަނީ އެއީ ހަވާދު ފުނޑައިގެން ކުޅިކޮށް ތައްޔާރުކުރާ ކެއުމެއް ކަމެވެ. 

ދެން ބަނބުކޭލުން ތައްޔާރު ކުރާ އަނެއް ކެއުމަކީ ބޯކުރިކޭލެވެ. އެއީ ބަނބުކޭލުން ތައްޔާރު ކުރާ ފޮނި ކާއެއްޗެކެވެ. އޭގައި ބަނބުކެޔޮ ކޮށާފައި ހުންނާނީ ފުދޭވަރަކަށް ބޯކޮށެވެ. އެއީ އާންމުކޮން ހަވީރު ސައިބޯލަން ތައްޔާރު ކުރާ ކެއުމެކެވެ. ބޯކުރިކޭލަކީ ކިރިޔާ ކާލާއިރަށް މޭބޮޑުކޮށްލި ނަމަވެސް އެއީ ވަރަށް މީރު ކެއުމެކެވެ. ބައެއް މީހުން އެކެއުން ކާއިރު ކާށިކިރުވެސް ހިމަނައެވެ. 

މިހާރު ދިވެހިންގެ ތެރޭގައި ބަނބުކެޔޮ ކެއުން އެންމެ މަޝްހޫރު ގޮތަކީ ތެލުލައިގެންނެވެ. ތެލުލި ބަނބުކޭލަކީ ކޮންމެ އުމުރު ފުރައެއްގެ މީހުންނަށްވެސް ވަރަށް ކަމުދާ ކެއުމެކެވެ. އެއީ މިހާރު ކުދިން ކައިއުޅޭ "ޗިޕްސް" އެކޭ އެއްގޮތަށް ތައްޔާރު ކުރެވިފައި ހުންނަ އެއަށްވުރެ ފުރިހަމަ އެއްޗެކެވެ. ޓީވީ ބަލަން ތިބެގެންވެސް ހަފާލާނެ އެއްޗެއްގެ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެކައްޗަކީ ތެލުލިބަނބުކޭލެވެ. އަދި ބަނޑުހައިވެގެން ގެއަށް އަންނައިރު ކާހިތްވާ އެއްޗެއް ނެތްނަމަވެސް ކާލެވޭނީ ހަމަ ތެލުލި ބަނބުކޭލެވެ. އަދި ބައެއް މީހުން ތެލުލި ރިހާކުރާ ޖައްސައިގެންވެސް ތެލުލި ބަނބުކެޔޮ ކައި އުޅެއެވެ. 

ކުދިންނަށް ނަން ކިޔުމަށްފަހު އަދި ތަފާތު ހަފްލާތަކުގައި ކެއްކުމަށްޓަކައި ވިސްނާއިރު އެންމެ ފުރަތަމަވެސް ގިނަމީހުންގެ ހިތަށް އަރާނީ ބަނބުކެޔޮ ބޮނޑިބަތުގެ މަތިންނެވެ. އެގޮތުން ހަފްލާތަކުގެ ސުފުރާމަތި ފަޅުފިލުވައިދިނުމަށް އެންމެ ގިނައިން ބޭނުންކުރެވޭ އެއްކެއުމަކީ އެއީއެވެ. ބަނބުކެޔޮ ބޮނޑިބަތާއި ކުޅިމަސް ނެތް ނަމަ ބައެއް ހަފްލާތައް އެއްގޮތަކަށްވެސް ފުރިހަމައެއް ނުވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *