ބައެއް މީހުން ފަލަވެގެން ނުވަތަ ހަށިގަނޑުގައި ސަރުބީ ގިނަވެ މަސްޖަހައިގެން އެކަމާ ދެރަވެގެން ހިތާމަ ފާޅުކޮށް، އެ ވާހަކަ ހިއްސާކޮށް ކަންތައް ކުރާއިރު ބައެއް މީހުންނަކީ ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާތީ އެކަމާއި ހިތްދަތިވެ އުޅޭ މީހުންނެވެ. ބައެއް މީހުން ފަލަވެދާނެތީ، ކެއުން މަދުކޮށް، ކާ އެއްޗެއްސަށް ވަރަށް ބަލައިގެން އުޅެން ޖެހޭއިރު މީގެ ދިމާ އިދިކޮޅު މީހުންވެސް އުޅެއެވެ. 

ފަލަނުވާން ދިމާވާ މައިގަނޑު ސަބަބަކީ ހަށިގަނޑަށް އެތެރެ ކުރެވޭ ކެލޮރީސްއާ އަޅާބަލާއިރު ހަށިގަނޑުގައި އަންދާ ކެލޮރީސްގެ އަދަދު ގިނަވުމެވެ. ހަގީގަތުގައި ބަރުދަން އިތުރު ނުވަނީ ކާން ޖެހޭ މިންވަރަށް ނުކެވޭތީއެވެ. އެމީހަކަށް ގިނައިން ކެވޭހެން ހީވިނަމަވެސް، އެމީހެއްގެ ހަށިގަނޑަށް ފަލަވާން ބޭނުންވާ މިންވަރަށް ކެލަރީސް އެތެރެ ނުކުރެވޭތީއެވެ. 

ފަލަވާން ކުރާނެ ކަންތައްތައް

ގިނައިން ކެއުން: ފަލަވާން ބޭނުންވާ މިންވަރަށް ހަށިގަނޑަށް ކާނާ އެތެރެ ކުރުވުމަކީ ބައެއް މީހުންނަށް ދަތި ކަމެކެވެ. އެކި މީހުންގެ މެޓަބޮލިޒަމް މަސައްކަތްކުރާނީ އެކި ގޮތަށެވެ. ބައެއް މީހުންނަކީ ދުވާލެއްގެ ގިނަ އަދަދެއްގެ ކެލޮރީސް އެމީހުންގެ ހަށިގަނޑުގައި އަންދާ މީހުންނެވެ. ކާ ކޮންމެ ފަހަރަކުވެސް ވީހާވެސް ގިނައިން ކެއުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

ކެލޮރީ އިން މުއްސަނދިވެފައިވާ ކާނާ ކެއުން: މީހާ ފަލަވުން، ނުވަތަ ބަރުދަން އިތުރުވުން ބަރޯސާވަނީ ހަށިގަނޑަށް އެތެރެ ކުރާ މިންވަރަކަށެވެ. އެހެން ކަމުން ފަލަވާން ބޭނުން ނަމަ ކެލޮރީ އިން މުއްސަނދިވެފައިވާ ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ބައެއް މިސާލަކީ: ބަޓަރ، ޗީޒް، ބިސް، އޮށްދަޅު، ޗޮކްލެޓް ހިމެނެއެވެ.

ގިނައިން ޕްރޮޓީން އެކުލެވިފައިވާ ކާނާކެއުން: މަސްގަނޑުތަކުގެ ހެދިބޮޑުވުމަށް ޕްރޮޓީންއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންކަމުން ގިނައިން ޕްރޮޓީން އެކުލޭ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. އޭގެ ބައެއް މިސާލަކީ ކުކުޅު މަސް، ގެރި މަސް، ކަނޑުމަސް، ކިރު، ޔޯގަޓް، ބްރޮކޮލި އެވެ.

ބްލެންޑް ކުރި ތަފާތު ޝޭކް ބުއިން: މިކްސްކޮށް، އެއްކޮށްގެން ކެލޮރީސް އެކުލެވޭ ގިނަ ބާވަތްތައް އެއްކޮށްގެން ބުއިމަކީ ބަރުދަން އިތުރުކުރުމަށް ކުރެވިދާނެ ކަމެކެވެ. މިގޮތުން ދޮންކެޔޮ، ކިރު، ޕީނަޓް ބަޓަރ، ތަފާތު އޯޓް މީލް ފަދަ ތަކެތި މިކްސަރ އަށް އެޅުމަށްފަހު، ގިރައިގެން ގަވައިދުން ބުއިން މުހިންމެވެ.

ކަސްރަތުކުރުން: ފަލަވާން ބޭނުންވަނީ ހަމައެކަނި ހަށިގަނޑަށް ގިނަ ކާނާ އެތެރެ ކުރުމެއް ނޫނެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ލިބުމަކީވެސް މުހިންމުކަމެކެވެ. ގިނަ މީހުންނަށް ކުރެވިފައިވާ ކުށް ހީއަކީ، ކަސްރަތު ކުރަނީ ހަމައެކަނި ހިކެން ބޭނުންވުމުންނެވެ. ނަމަވެސް ހަގީގަތުގައި ކަސްރަތަކީ މީހާ ފިޓްކޮށް ހުރުމަށް ކޮންމެހެންވެސް ބޭނުންވާ ކަމެކެވެ. މިގޮތުން ކަސްރަތުތައް ކުރާއިރު ބަރު އެއްޗެހި އުފުލުމަކީވެސް މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *