ކުރިއަށް މިއޮތް ރޯދަމަހު ވިޔަފާރީގެ ގޮތުގައި މުދާ އުފުލޭނެ ވަގުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މިކަމާއި ގުޅޭގޮތުން އިއުލާނެއް ނެރެފައެވެ. އެގޮތުން، މެއި މަހު ހަ ވަނަ ދުވަހުން ފެށިގެން ޖޫން ހަތް ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ގަޑިތަށް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލުން މަނާ ވާނެ ކަމަށް އެ އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން، ރޯދަމަހު މުދާ އުފުލޭނެ ގަޑިތަކަކީ، ހެނދުނު 9:00 އިން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 21:00 އިން ހެނދުނު 6:00 އަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350 ކިލޯގްރާމް އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި މުދާ އުފުލުމަކުން މައްސަލައެއް ނުޖެހޭނެ ކަމަށެވެ. އަދި ހަވީރު 15:00 އިން ފެށިގެން ރޭގަނޑު 21:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް ނުއުފުލޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ސިނަމާލެ ބުރިޖު ހުރަސްކޮށް މުދާ ގެންދާ ފަރާތްތަކަށް މުދާ ގެންދެވޭނީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އާއި ދެމެދު ކަމަށާއި އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އާއި ދެމެދު ކަމަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބަޔާން ކޮށްފައިވާގޮތުން، މި ވަގުތުތަކުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.
ރޯދަމަހުގެ އެއްވެސް ގަޑިއެއްގައި ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ބަރު މުދާ އުފުލައިގެން އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެކެވެ.