ކައިވެނި ކުރުމަށްފަހު ތަފާތުތަކެއް އަންނަނީ ހަމައެކަނި އަންހެނުންގެ ދިރިއުޅުމަށް އެކަންޏެއްނޫނެވެ. ފިރިހެނުންގެ ދިރިއުޅުމަށްވެސް ކައިވެންޏަށްފަހު ގިނަ ބަދަލުތަކެއް އާދެއެވެ. އެގޮތުން އުފާވާންޖެހޭ ކަންކަމާއި ދެރަވެ ހިތާމަ ކުރަންޖެހޭ އެތައް ކަމަކާއި ދިމާވެއެވެ. 

ކައިވެންޏަކަށްފަހު ފިރިހެނުންނަށް އެކަމަކާއިމެދު ވިސްނަން ޖެހޭ އެއްކަމަކީ އަނބިމީހާއާއި މަންމަ އާއި ދެމެދު ނުރުހުމުގެ ގުޅުމެއް އުފެދިދާނެތީ ވިސްނަންޖެހޭ ވިސްނުމެވެ. އަނބިމީހާ ކުޑަނަމަވެސް ހިތުގަ ޖެހޭފަދަ އެއްޗެއް ތިމާގެ މަންމައަށް ބުނެވިއްޖެނަމަ ވަރިފަށަށްވެސް އަރާފާނެއެވެ. ހަމައެގޮތަށް މަންމަ ނުރުހޭފަދަ ގޮތަކަށް އަނބިމީހާއަށް ކަމެއް ކުރެވިއްޖެނަމަ މަންމަ ދެރަވެދާނެތީ އެކަމާއި ވިސްނަން ޖެހެއެވެ. 

ބަނޑުއަޅައި ވިހޭ މައިމީހާއާ ދޭތެރޭ އެންމެ ފުރަތަމަ ވިސްނަން ހަދައިފިނަމަ ލޯބިވާ އަނބިމީހާ ރުޅިއަންނާތީ، ދެމީހުން ކައްކާއެއްޗެހި، ނުކައިނުވެގެންވެސް، ކައިގެން ބަނޑު ފަޅައިގެންދާވަރުވެގެން ގެއިން ނުކުންނަންޖެހޭ ފިރިހެނުންވެސް އުޅެއެވެ. 

އަނބިމީހާއާއި މައިމީހާގެ ދެމެދުގައި އުފެދޭ ރުޅިވެރިކަމަކީ ފިރިމީހާއަށް އޭގެ ސަބަބުން އުނދަގުލެއް ވާންޖެހޭފަދަ ކަމެއް ނޫނެވެ. ދެމީހުންގެ ދޭތެރޭޖެހޭ މައްސަލަތައް ހައްލުކުރަން ވާނީވެސް ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވިގެންނެވެ. އެދޭތެރެއަށް ފިރިމީހާ ގެނައުމަކީ އެއްގޮތަކަށްވެސް އެދެވިގެންވާނެ ކަމެއް ނޫނެވެ. އެއީ އެފަދަ މައްސަލަތައް ޖެހެނީ ފިރިމީހާގެ ސަބަބުން ކަމުގައި ނުވާތީއެވެ. 

މައިދައިތައާއި ޅީދަރީގެ ދެމެދު ޖެހޭ މައިގަނޑު އެއް މައްސަލައަކީ ފިރިހެނާ އޭނާގެ މަންމައަށްވުރެ އަނބިމީހާދެކެ ނުވަތަ އަނބިމީހާއަށްވުރެ މައިމީހާދެކެ ލޯބިވާވަރު މާ އިތުރުކަމަށް ބަލައި އެއަންނަ ރުޅިގަނޑުގެ ސަބަބުން ޖެހޭ މައްސަލައެވެ. ނަމަވެސް ހަގީގަތަށް ބުނާނަމަ ރަނގަޅަށް އުޅޭ ފިރިހެނުން އެމީހުންގެ މައިންނާއި އަނބިންގެ މެދުގައި ތަފާތެއް ނުކުރާނެއެވެ. ގިނަފަހަރު މައިދައިތައާއި ޅީދަރީގެ ދެމެދުގައި ޖެހޭ މައްސަލަތަކަކީ އެމީހުންގެ ހިތް ނުބައިކަމުން ޖެހޭ މައްސަލަތަކެވެ. 

ހިންދީ ޑްރާމާތަކުގައި ދައްކާހެން ޅީދަރި ކައްކާ ކާއެއްޗެއްސަށް ލޮނާއި ހަކުރުފަދަ ތަކެތި އަޅަންޖެހޭ މިންވަރަށްވުރެ ގިނައިން އަޅާ އޭނާ ބަދުނާމު ކުރުމަށް މަސައްކަތް ކުރާ މައިދައިތައިންވެސް އުޅެއެވެ. ހަމައެގޮތަށް މައިދައިތަ ވަކި ކަމެއް ކޮށްދޭށޭ ބުނުމުން އެކަމެއް ދެވަނަ ފަހަރު ކުރަން ނުބުނާނެހެން  ކަންތައްތައް ކުރާ ޅީދަރިންވެސް އުޅެއެވެ. ދެރަކަމަކީ އެދޭތެރެއަށް، އެއްވެސް ކުށެއް ނެތް ފިރިހެނާ އަންނަން ޖެހުމެވެ. 

ކޮންމެގޮތެއްވިޔަސް މަންމައާއި ހެދި އަނބިމީހާ ދެރަވާފަދަ ކަމެއްވާން ބޭނުންވާ ފިރިއެއް ނޫޅޭނެއެވެ. އަދި އަނބިމީހާއާއި ހެދި މަންމަ ރުޅިއަންނަ ފަދަ ކަމެއްވާން ބޭނުންވާ ފިރިހެން ދަރިއެއްވެސް ނޫޅޭނެއެވެ. އެހެންކަމުން ފިރިހެންނުންނަށް އެދޭތެރޭގައި ދިމާވާ މައްސަލަ ހައްލުކުރަން ކުރާނެ ކަމެއް ނެތި، ދެމީހުން އެއްގަލަކަށް އަރާތޯ ކެތްކޮށްލައިގެން ހުރެވެނީއެވެ. 

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *