މި ކުޑަ ކުޑަ ދިވެހި ރާއްޖޭ ވަށައިގެންމިވަނީ ކަނޑެވެ. އަޑި ނޭނގޭ ފުން މާ ސިންގާ ކަނޑެވެ. ދިވެހި ރާއްޖެ ވަށައިގެންމިވާ ކަނޑު ސަރަހައްދަކީ އަޅުގަނޑުމެން ދިވެހިންނަށް ދެއްވާފައިވާ ނިއުމަތެކެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނާ އަޑު ވަރަށް ގިނައިން އަހަމެވެ. މި ރާއްޖެ ވަށައިގެންވާ ކަނޑުތަކުން އަޅުގަނޑުމެންނަށް މިލިބެނީ ހުސްނުވާ ރޯއްޖެކެވެ. ދިވެހިންނަކީ މަހުގެ އެކި ބާވަތްތަކާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ބައެކެވެ. މަހުގެ ވައްތަރެއް ސުފުރާ މަތީގައި ނެތީ ކަމުގައި ވަނީ ނަމަ ދިވެހިންގެ އެއްވެސް ގަޑިއެއްގެ ކެއުމެއް ފުރިހަމައެއް ނުވާނެއެވެ.
ދިވެހިންނާއި މަސްވެރިކަމާއި މިވަނީ ގުޅި ލާމެހިފައެވެ. ނަމަވެސް ހިތާމަ އަކީ މަސްވެރިކަމަކީ ތިމަންމެންގެ ލޭނާރޭ ކިޔާފައި ފޮނި ވާހަކަތައް ދައްކާފައި، މަސްވެރިކަން އަމިއްލައަށް ކުރަން ވީމައި ހަޑި ކަމަކަށް ވާތީއެވެ. ބައެއް ދިވެހިން ދެކޭ ގޮތުގައި، މަހަށް ގޮސް އުޅޭނީީ ވަރަށް ދަށު ދަރަޖައިގެ މީހުން ކަމަށެވެ. މިއީ މިހާރު ބަދަލުކުރަން ލަސްވެފައިވާ ވިސްނުމެކެވެ. އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ހަމަގައިމުވެސް ދިވެހި މަސްވެރިން ކޮންމެ ދުވަހަކު ކަނޑުމަތީގައި އެތައް ދަލެއް އޮހުރުވައިގެން ބުރަ މަސައްކަތުން މަސް ބާނައިގެން ހޯދާ އާމްދަނީ ހަލާލުކަން ބޮޑެވެ.
ގިނަ ދިވެހިން އެންމެ ކަމުދާ ކެއުމަކީ ކޮބާހޭ އަހާ ލާއިރަށް ބުނާނީ ގަރުދިޔާ ބަތޭ ނުވަތަ ރިހާ ކުރާ ބަތޭ އެވެ. އެކަމަކު މަހަށް ދާ މީހުން ވަނީ ހަޑި ބަޔަކަށެވެ. މީގެ އެންމެ މަޖާ ތަންކޮޅަކީ، ފޯރި އަރުވާލާފައި އެވަރަށް މަހުގެ ބާވަތްތައް ކައިފައި ވެސް މަސްދޯންޏަކަށް އެރުމުން ނުވަތަ މަހެއް ކަނޑާލަން ލިބުމުން ގިނަ މީހުން ގަންނާނީ ފަކުރެވެ. ދެން ކާއިރު ފަކުރު ނުގަންނަނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
ދެން މިދުވަސްވަރު އެންމެ ގިނައިން ފެންނަ އެއް މަންޒަރަކީ، ފުޓުބޯޅަ މެޗަކުން ވިޔަސް ނުވަތަ އެހެން ކަހަލަ ކުޅިވަރަކުން ބަލި ވިޔަސް ދެން ގޮވާނީ މަހަށް ދާށެވެ. އެހެން ކިޔާ މީހުން އެހެން މަހަށް ދާށޭ ގޮވާއިރު ހީވަނީ މަސްވެރިކަމަކީ ވަރަށް ދަށު ދަރަޖައިގެ މީހުން ކުރާ ކަމެއް ހެންނެވެ. ނަމަވެސް އެހެން މަހަށް ދާށޭ ގޮވާފައި ގޮސް ވެސް ގިނަ މީހުން އެދުވަހެއްގެ މެންދުރު ކެއުމަށް ވެސް ކާނީ މަހުގެ ބާވަތެއް ހިމެނޭ ކެއުމެއް ކަން ޔަގީނެވެ. ދެން ފެންނަ އެންމެ ހިތާމަ ކޮށްލަން ޖެހޭ އަނެއް މަންޒަރަކީ ބެލެނިވެރިން ވެސް ދަރިން ދިމާލަށް ނުކިޔެވުމުން ދެން ވާން ޖެހޭނީ މަސްވެރިއަކަށޭ ބުނާ ބުނުމެވެ. މަސްވެރިކަމަކީ ހަމައެކަނި ނުކިޔަވާ ތިބޭ މީހުން ކުރާ މަސައްކަތެއް ވެސް ނޫނެވެ. މަސްވެރިކަމަކީ އަޅުގަނޑުމެން ދިވެހިންގެ ލޭނާރެވެ.
މަސްވެރިކަމަކީ ދަށު ދަރަޖައިގެ މަސައްކަތެއް ނޫނެވެ. ނުވަތަ ނުކިޔަވާ ތިބޭ މީހުން ކުރާ މަސައްކަތެއް ވެސް ނޫނެެވެ. ކޮންމެ ފަންތިއެއްގެ ކޮންމެ މަސައްކަތެއް ކުރާ މީހަކަށްވެސް އިހްތިރާމު ކުރަން ޖެހޭނެއެވެ.