ނަމާދަކީ ކީރިތިވަންތަ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމެވެ. ޝަހާދަތުގެ ދެކަލިމައާއި ޖެހިގެން އަންނަ ދީނުގެ ދެވަނަ ރުކުނެވެ. އަޅާއާއި ﷲއާއި ގުޅާލަދޭ ގުޅުމެވެ. ދީނުގެ ތަނބެވެ. އެ ނަމާދު އަޅައިފިމީހަކަށް މިދީނުގެ އެއްވެސް ނަސީބެއް މިންވަރުވެގެނެއް ނުވެއެވެ. އެހެނީ އޭނާ އެ މުގުރާލީ ދީންކަމުގައި ނޫނީ ނުވެއެވެ.

ފަތިސް ނަމާދުގެ މާތްކަމާއި މަތިވެރިކަން މިހާ މުހިންމު އިރު، އަދު މި ޤައުމުގެ ޙާލަތަކީ ކޮބާތޯ ވިސްނާލަން އެބަޖެހޭ؟ ތަރައްޤީއާއި ޓެކްނޮލޮޖީއާއިއެކު ބަވަނަވަމުން މިދާ ދުނިޔޭގައި، އަޅުގަނޑުމެންގެ ޒުވާނުން ޖެހި މަގު ފުރެދިފައިވާ ވަރު ނިކަން ދެކި ބަލާށެވެ. މިހާރު އެންމެވެސް ހޭ ވައްޓާލާފަ ކުޅެމުން ދާ ގޭމަކީ "ޕަބްޖީ" އެވެ. ކޮންމެ މީހަކީވެސް ހަނގުރާމަމަތީ މީހެކެވެ. އަބަދު އުޅެނީ ޤައުމުގެ ބޯޑަރު ސަރަޙައްދުގައި ޤައުމު ދިފާއުކުރުމުގައެވެ.

އޮފީހުގެ ވަގުތުގައިވެސް ހަމަ ހުސްވަގުތު ހޯދައިގެން ވިޔަސް ކުރާކަމަކީ "ޕަބްޖީ" ކުޅުމެވެ. ބްރޭކަށް ނިކުމެ ކޮފީއެއް ބޯން އިންނަ ގަޑިގަވެސް އެކަނި އިދެގެން ވާހަކަ ދައްކާ މޮޔައެކޭ އެެއްގޮތްވާނެއެވެ. އޮފީހުގެ ވެރިން ގުޅިޔަސް ގަނޑުން ބަލިވެދާނެތީވެ، ބިޒީކޮށްލަނީއެވެ. ކުޅެން ދާންވެސް ލަސްވެގެން ކޮބާތޯ ބަލާލާއިރު ބާކީ ހަތަރު މީހުން ތިބެގެން ފޯނުން އަތް ދޫކޮށްލާނޭ ވަގުތު ނުވަނީއެވެ. ރޭގަނޑު ނިދަން އަރާ ގަޑު ފަށާގޮތަށް، ގަނޑުގެ މައްޗަށް ގަނޑު ޖެހުމުގަ އެބަތިބެއެވެ.

ކުޅެމުން ކުޅެމުން ގޮސް ފަތިސް ނަމާދަށް ބަންގި ގޮވާއިރަށް "ފަހު ގަނޑަށް" އެ ގަނޑު ވެއެވެ. ނަމަވެސް އެއީ ނަމާދަށް ދާކަށް ނޫނެވެ. އެއީ އޮފީހަށް ދިޔުމުގެ ކުރިން ކުޑަކޮށް ނިދާާލާށެވެ. ހުރިހިތާމައެއްގެ ބޮޑު ކަމާއެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުސްލިމް އުންމަތަށް މިވަނީ ކިހިނެއްހެއްޔެވެ. އެ އަޅުކަމަކުން އަޅުގަނޑުމެންގެ ދުވަސް ފަށަން ޖެހޭ އަޅުކަމަށް ގޮވާލަންދެން ގޭމް ކުޅެން އޮވެފަ، ނަމާދަށް އަންނަން ގޮވާލުމުން ގައިގައި ރަޖާއަޅާ ނިދަނީއެވެ.

ބަންގިއަކީ ޕަބްޖީކުޅުން ހުއްޓާލާފަ ނިދަން ގޮވާލާ ގޮވުމެއް ނޫނެވެ. އެއީ ނަމާދަށް އަވަހަށް އަންނަން ގޮވާލާ ގޮވުމެކެވެ. ހެޔޮކަމާއި ނަސީބު ލިބިގަތުމަށް ގޮވާލާ ގޮވާލުމެކެވެ. އަދި ފަތިސް ނަމާދުގެ ބަންގީގައި ނިދުމަށް ވުރެ ނަމާދު މާ ރަނގަޅުކަމަށް ގޮވާލައެވެ. 

އިސްލާމްދީނުގެ ތަނބު އަދި އިސްލާމްކަމުގެވެސް ތަނބުކަމުގައިވާ ނަމާދަށްވުރެ މުހިންމު ވާނެ ގޭމެއް ނޯންނާނެއެވެ. ނަމާދަކީ ތިމާމެންގެ އީމާންތެރިކަމުގެ ތަޅުދަނޑިއެވެ. އެ ނަމާދުތައް އަދާކޮށްފި މީހާ އެހެން ފާފަތަކުން ދުރުހެލިވާނޭކަން ޔަޤީނެވެ. އެހެންކަމުން ފަތިސްނަމާދަށް ބަންގި ގޮވަން ދެން ހޭލާ އޮވެ ޕަބްޖީ ކުޅ ކުއްޖާވެސް ފަތިސް ނަމާދުކޮށްގެން ނޫނީ ނުނިދާށެވެ. އެންމެ ރަނގަޅު ގޮތަކީ އަވަހަށް ނިދާފަ ނަމާދަށް ހޭލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *