ކުރީ ސަރުކާރުގެ ކަންކަން ބަލަން"އިންތިޤާލީ އަދާލަތު"ގެ ނަމުގައި އިތުރު ކޮމިޝަނެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.
އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އުފައްދާ "އިންތިގާލީ އަދާލަތު" ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބޮޑެތި ބާރުތަކެއް ދިނުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.
އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އެ ބިލްގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުން ތަހުގީގުކުރަން ޖެހޭނީ ޖެނުއަރީ 1، 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މައްސަލަތަކެވެ.
މި ބިލަށް އަމަލު ކުރަން ފެށުމާއެކު އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސްގެ ގަރާރަކުން އުފައްދަން ޖެހޭއިރު އެ ކޮމިޝަން އެކުލެވިގެން ވަނީ ރައީސް އައްޔަންކުރާ ފަސް މެމްބަރުންގެ މައްޗަށެވެ.
ކުރީ ސަރުކާރުގެ ކަންކަން ބެލުމަށް އައު ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާއިރު ރައީސް ޞޯލިހް ވެރިކަމަށް އައި ފަހުން މިހާރު ވެސް ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާ، ކުރީ ސަރުކާރުގެ މައްސަލަތައް ބަލަން ފަށާފައެވެ.