ދަރިންނަކީ މާތް ރަސްކަނލާންގެ އިންސާނާއަށް ދެއްވާ ވަރަށް ބޮޑު ނިޔުމަތެކެވެ. ހާއްސަކޮށް އަންހެން ދަރިން އެއީ ދެ ދުނިޔެ ބާއްޖަވެރި ކުރުވަން ލިބޭ ފުރުސަތުކެވެ. 2 އަންހެން ދަރިން ރަނގަޅު ގޮތުގައި ތަރރުބިއްޔަތުކޮށް ބޮޑު ކޮށްފި މަޔަކީ ސުވަރުގެ ވަންތަވެރިއެކެވެ.
އެއް ޒަމާނެއްގައި ދުނިޔޭގެ މީސްތަކުން، ޚާއްޞަކޮށް އެބައެއްގެ ތެރެއަށް އިސްލާމީ ރިސާލަތާއިގެން ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުނު ޢަރަބިން، ދެކެމުން އައީ އަންހެން ދަރިން ލިބުމަކީ ބޮޑުވެގެންވާ މުޞީބާތެއް ކަމުގައެވެ. އޭރުގައި އަންހެން ދަރިއެއް ލިބިއްޖެނަަމަ ވަގުތުން މަރާލަނިއެވެ.
އެހެންނަމަވެސް އިސްލާްމްދީން އައި ފަހުން މިކަންތައް ބަދަލުވެ އަންހެނުންނަކީ މާތް ބައެއް ކަމާއި، އަދި އަންހެން ދަރިންނަކީ ލިބޭ ނިއުމަތެއްކަން ހާމަކޮށްދިނެވެ.
ރަނގަޅު ހެޔޮލަފާ އަންހެން ދަރިއެއް ބޮޑުކޮށްފިނަަމަ އެ އަންހެން ކުއްޖާއަކީ، އެ ކުއްޖާގެ މަންމައާއި ބައްޕަ ނަރަކައިން ދުރުކޮށްދޭނޭ ދަރިއެކެވެ. އަންހެން ކުދިން ހެޔޮ މަގުގައި ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ޖީލެއް ބިނާ ކުރެވިގެންދަނީ އަންހެނުންގެ ފަރާތުން ކަމަށްވުމެވެ. ރަނގަޅުު ހެޔޮ އަންހެން ކުއްޖެއް މުޖުތަމަައަށް ނެރެފިނަމަ އޭނާއަށް ލިބޭ ދަރިންވެސް ވެގެންދާނީ ހެޔޮ ރަނގަޅު ކުދިންނަށެވެ. އޭގެ ސަބަބުން ރަނގަޅު ޖީލެއް ބިނާ ކުރަން މަގުފައި ވެގެން ދެއެވެ.
އެފަދަ ދަރިން ދުނިޔޭގައި ތިބެއްޖެނަމަ އޭނާގެ މައިންބަފައިންނަށް އަޅާލައި ލޯބި ދޭނެއެވެ. މަންމަމެން ބަލަން އެހެން މީހަކަށް ނުޖައްސާނެއެވެ. އެ ހުރިހާ މައިންބަފައިންނަށް ކޮށްދޭނީ އެ ދަރިންނެވެ. އެއީ ލިބޭ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟
މައިންބަފައިން މަރުވެ ދިޔުމުން އެފަދަ ދަރިން މައިންނަށް ހެޔޮ ދުއާ ކޮޮށްދޭނެއެވެ. މަންމަމެންނަށް ސުވަރުގެ ލެއްވުން އެދި ރޮއެފަ ތިބެގެން ދުއާ ކުރާނެއެވެ. ދިރިއުޅުމުގައި ކުރާ ކޮންމެ ކަމެއްގައި މަންމަގެ ބަސް ގަބޫލުކޮށް އެހެން މީހަކަށްވުރެ މަންމަ އިސް ނުކުރާނެއެވެ.
އަބަދުވެސް މަންމަޔަކީ ތިމާގެ އެންމެ ގާތް މީހާ ކަމުގައި އެފަދަ ދަރިން ދެކޭނެއެވެ. ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށްވުރެ އެ ދަރިފުޅު ދެކެ ލޯބިވަނީ މަންމަކަން އެފަދަ ދަރިން ދަންނާނެއެވެ.
މިފަދަ ދަރިޔެއް ތަރުބިއްޔަތު ކުރެވިއްޖެނަމަ މުޅި އުމުރަށް ހިތް ހަމަޖެހުމާއި އުފާވެރިކަމުގައި އުޅެވޭނެއެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި މުހިންމީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ހުރި ރަނގަޅުގޮތް ދަސްކޮށްދީ ހެޔޮކަންތައް ދަސްކޮށްދީގެން ދަރިން ތަރުބިއްޔަތު ކުރުމެވެ.