ތިބާ ލޯބިވާ މީހެއް ނުވަތަ ހިތް ކިޔާ މީހެއް އުޅޭ ނޫޅޭ ގޮތް ބަލައިލާ ހިތް ކޮންމެ މީހަކުވެސް ވާނެ ކަން ޔަގީނެވެ. އެމީހަކު ކުރަނީ ކީއްތޯއާއި އަދި ދެން މިހެން ގޮސް އެމީހާ ދުވަސް ހޭދަކުރަނީ ކިހިނެތް ކަން ބަލަން ވަރަށް ޝައުގުވެރިކަން ހުންނާނެ އެވެ. ތިބާ ސްޓޯކް ކުރަން ހެއްޔެވެ؟ ހަމަގައިމުވެސް އަޅުގަނޑު ތިކަން ވަރަށް މޮޅަށް ކުރަމެވެ. މީހަކަށް ސްޓޯކް ކޮށްނުލައި ދުވަސް ނިމިގެން ދާނަމަ ހިތަށް ވެސް ހަމަޖެހުމެއް ނުލިބޭ ދޯއެވެ؟
ދިވެހިންނަކީ ޒަމާނުއްސުރެ މީހުންގެ ޒާތީ ދިރިއުޅުމުގައި ކަންތައްތައް ހިނގާ ގޮތް ބަލަން ވަރަށް ބޭނުންވާ ބައެކެވެ. އެހެން މީހުން ކުރާ ކަންތައް ބެލުމަށް ދިވެހިންގެ ގައިގައި ވަރަށް ޝައުގުވެރިކަން ހުންނާނެ އެވެ. ފަހަރެއްގައި ދިވެހިންގެ ތެރޭގައި ސްޓޯކް ކުރާ މީހުން އެހާ ގިނައީ، އެކަމަކީ ޒަމާނުއްސުރެ ދިވެހިންގެ ކަށީގައި ހަރުލާފައި ހުންނަ ކަމަކަށް ވާތީ ކަމަށް ވެދާނެއެވެ. ޒަމާން ބަދަލުވަމުން ދިޔަ ވަރަކަށް ދިވެހިން ސްޓޯކް ކުރާ ނުވަތަ މީހުންނަށް ފާރަލާން ކުރާ ކަންތައްތައް މިވަނީ ބަދަލުވެފައެވެ. ކުރީގައި ދެ އަންހެނަކު ނުވަތަ ހޮޅުއަށީގައި ފިރިހެނުންގެ ގްރޫޕެއް އެއްވެއްޖެ ނަމަ ދައްކާނީި ކޮންމެވެސް މީހެއްގެ ޒާތީ ދިރިއުޅުމުގެ ވާހަކައެވެ. ވެއްޔާއި މޮޑެލާނީ ކޮންމެވެސް މީހެއްގެ އަބުރެވެ.
ސްޓޯކް ކުރެވޭނެ ވަރަށް ބައިވަރު ގޮތްތައް ހުންނާނެއެވެ. އޭގެ ތެރެއިން ވެސް މިއަދުގެ ޒުވާނުން އެންމެ ގިނައިން ސްޓޯކް ކުރާނީ އެ ސްޓޯކް ކުރާ މީހެއްގެ ފޭސްބުކު އައިޑީ ހާވައިގެންނެވެ. ފޭސްބުކު އައިޑީ ކޮޅައި ހާވާ އެއް ފުށުން އަނެއް ފުށަށް ޖަހައިގެން މީހާގެ ހުރިހާ މައުލޫމާތެއް ނުލިބެންވީ ވެސް ކީއްވެ ހެއްޔެވެ؟ ފޭސްބުކުގައި ގިނަ މީހުން ޒާތީ ދިރިއުޅުމަށް ދަންދެން ހުންނަނީ ހިއްސާ ކޮށްފައެވެ. ކާން ރެސްޓޯރެންޓަކަށް ގޮސްލިއަސް ފޭސްބުކުގައި ލޮކޭޝަން ހިއްސާ ނުކުރަންޏާ އެ ކާން ދިޔަ އެއްޗެއް އަރުން އެތެރެ ވާ ކަމަކަށް ނުވެއެވެ. ދެން ދުވަސް ކޮޅަކުން ގޭ ކައިރި ފިހާރައަށް ދަމުން ވެސް އެފްބީގައި ލޮކޭޝަން ހިއްސާ ކުރާނެ ކަންނޭނގެ އެވެ. މިގޮތަށް ތިމާ ކުރާ ހުރިހާ ކަމެއް ފޭސްބުކުގައި ހިއްސާ ކުރާނަމަ ތިބާގެ ދިރިއުޅުމަށް ސްޓޯކް ކުރަން އުޅޭ މީހާއަށް އިތުރަށް ފަސޭހަ ވާނެ އެއް ނޫންތޯއެވެ؟
ގިނަ މީހުން، މީހުންނަށް ސްޓޯކް ކުރަމުން ގޮސް އެ ސްޓޯކް ކުރާ މީހާގެ އަނބިމީހާއިން ފެށިގެން އާއިލީ މީހުންގެ އައިޑީތަކަށް ސްޓޯކް ކުރެވޭ އިރުވެސް ރޭކާއެއް ނުލައެވެ. ކުރިން ހިތްކީ ކުއްޖަކަށް ނުވަތަ ކުރީގެ ބިޓަކަށް ސްޓޯކް ކުރާއިރުވެސް އޭނާ ޕްރޮފައިލް ފޮޓޯއެއް ލާފައި އިނިއްޏާ ވަކި ވަކިން އެއަށް ލައިކް ދީ ކޮމެންޓް ކޮށްފައި ތިބީ ކޮން ބައެއް ތޯވެސް ބަލާނެ އެވެ. އަދި އެހިސާބުން އެނިމުނީ އެއް ނޫނެވެ. ކޮށްފައި ހުންނަ ކޮމެންޓްތަކަށް ދާން ދެންވެސް ވަކި ވަކިން ކިޔާނެއެވެ. ފަހަރެއްގައި މީހުންގެ ޒާތީ ދިރިއުޅުމުގައި ވާނުވާ ބަލައިލެވުނީމައި އުފަލެއް ލިބެނީ ކަމަށް ވެދާނެ އެވެ.