2019 މާރިޗު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދައްކަން ހަމަޖެހިފައިވާ ހުރިހާ ޓެކްސްއެއް މިއަދުގެ ނިޔަލަށް ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން ބުނެފައި ވަނީ 2019 މާރިޗު މަހު މީރާއަށް ދައްކަން ޖެހޭ ވިތް ހޯލްޑިންގް ޓެކްސް، ރެމިޓެންސް ޓެކްސް، އެއަރޕޯޓް ޓެކްސް އެންޑް ފީސް ރިޓާން އެންޑް ޕޭމަންޓް މިއަދު ދައްކަން ޖެހޭ ކަމަށެވެ.
މީރާއަށް މިދިޔަ މަހު ލިބިފައިވަނީ ލަފާކުރިވަރަށް ވުރެ ކުޑަ އާމްދަނީއެކެވެ. އެގޮތުން މީރާއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާރިޗު މަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.51 ބިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު މީރާ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޖީއެސްޓީގެ ގޮތުގައި ވިޔަފާރިތަކުން ދެއްކި ޓެކުހުންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އަކީ މާރިޗު މަހުގެ އާމްދަނީގެ 48 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީ އެއް މީރާ އަށް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައެވެ. އެއީ އާމްދަނީގެ 23 ޕަސެންޓެވެ.