ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެދުނު ގޮތަށް އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.
ދިރާގުން ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، ކޮމިޔުނިކޭޝަންގެ އަގުތަކަކީ އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުން އަންނަ އަގުތަކެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ކޮމިޔުނިކޭޝަންގެ އަގުތަކަކީ އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ އަގުތަކެއް. އެހެން އެއްޗެތީގެ އަގުތައް މައްޗަށް ދިޔަކަމުގައިވިޔަސް، އަަހަރުން އަހަރަށް ދުވަހުން ދުވަށް ކޮމިޔުނިކޭޝަންގެ އަގުތައް ދާނީ ދަށަށް". އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ރަޝީދު ވިދާޅުވީ، މި ސަރުކާރުގެ ނިންމެވުމާއި އެއްގޮތައް އެންމެ އަގުހެޔޮކޮށް ހިދުމަތްތައް ދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.
"އަދި ސަރުކާރުގެ އެދިވަޑައިގަތުމާއި އެއްގޮތަށް އެންމެ އަގުހެޔޮކޮށް ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އަބަދުވެސް މަސައްކަތް ކުރާނަން". އިސްމާއިލް ވިދާޅުވިއެވެ.
އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން ވަނީ މަޝްވަރާތައް ފަށާފައެވެ.
އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ރިޔާސީ ވައުދެއެވެ. ރާއްޖެއަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް އެންމެ އިންޓަރނެޓް އަގުބޮޑު އެއްގައުމެވެ.