އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ލީޑަރޝިޕް އޮތީ ކަންނެތް ވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެއެވެ.
ޖަމީލު އުސްމާން ރޭ ކުރެއްވި ޓުވީޓެއްގައި، އެބޭފުޅާ ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕުން ފެންނަނީ ސިޔާސީ ކަންތައްތަކަށް ފޫހިވެފައިވާ، މަންޒަރާއި ކަންނެތް ކަން ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލަކީ ވަރަށް ޒިންމާާރު ބުރަ މަސައްކަތެއް ކަމަށް ވެސް ޖަމީލް އުސްމާނު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
"ޕީޕީއެމްގެ ލީޑަރޝިޕުން ފެންނަނީ ސިޔާސީ ކަންތައްތަކަށް ފޫހިވެ، ކަންނެތް ވެފައިވާ ތަން. އިދިކޮޅު ސިޔާސީ ޕާޓިއެއްގެ ރޯލަކީ ޒިންމާދާރު ބުރަ މަސައްކަތެއް. ޕާޓީގެ ލީޑަރޝިޕަށް ޝައުގުވެރިވާ ތައުލީމީ ޒުވާނުންނަށް ފުރުސަތު ދީ މިހާރުގެ ލީޑަރޝިޕް އެކަހެރިވާން އެބަ ޖެހޭ" ޖަމީލް އުސްމާންގެ ޓުވީޓްގައި އޭނާ ވިދާޅުވިއެވެ.
ރޭ ޕީޕީއެމްގެ ގްރޫޕަކަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖެއްގައި މެންބަރުން އެދިވަޑައިގަންނަވާ ނަމަ ޕާޓީގެ ލީޑަރުކަން ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވެސް ރޭ ވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.