ސަޕޯޓަރުން ބޭނުންނަމަ ޕީޕީއެމްއާ ދުރަށް ވަޑައިގަންނަވާނެ ކަމަށާއި ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް އާއިލާ އިން ވެސް އާދޭސްކުރާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސަޕޯޓަރުން ހިމެނޭ ގްރޫޕެއްގައި އެމަނިކުފާނު ލިޔުއްވި މެސެޖެއްގައެވެ.
"ތިކުދިން މިއަދުވެސް ނިންމާ. އަހަރެން ދުރަށް ޖެހިލާނަން. އަހަރެންގެ ފެމިލީ އާދޭސް ކުރޭ ދުރަށް ޖެހިލަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެ މެސެޖުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމްގެ އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އަލަށް ހަވާލުވާ މީހުން ޒިންމާ ނަގަން ކެރެންވާނެ ކަމަށެވެ
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާ އިރު، އިންތިހާބުތަކުގައި ޕީޕީއެމްއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނީ ހަރުދަނާ ލީޑަރޝިޕެއް ނެތުމުން ކަމަށާއި ލީޑަރޝިޕުން ފެއިލްވި ހުރިހާ ބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފައެވެ.