ޕީޕީއެމްގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވި ހުރިިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ގޮވާލައްވައި އަމިއްލަފުޅަށް ޕީޕީއެމްގެ ލީޑަރޝިޕުން އިސްތިއުފާދެއްވައިފިއެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ އިސްވެރިން އިސްތިއުފާ ދެއްވުމަށް ނިހާން ގޮވާލެއްވިއިރު، އޭނާ ވަނީ އިންތިހާބުތަކުގައި ޕީޕީއެމް ފެއިލް ވުމުގެ އެންމެ ބޮޑު ސަބަބަކީ ހަރުދަނާ ލީޑަރޝިޕެއް ނެތުން ކަމަށް ވިދާޅުވެފައެވެ.
"2017ގެ ކައުންސިލް އިންތިހާބު، 2018 ގެ ރިޔާސީ އިންތިހާބު އަދި 2019ގެ މަޖިލިސް އިންތިހާބު ޕީޕީއެމްއަށް ގެއްލުނީ ހަރުދަނާ ލީޑަރޝިޕެއް ނެތުމުން. އެންމެން އިންތިއުފާ" ނިހާންގެ ޓްވީޓުގައިވެއެވެ.
މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބު ވެފައިވާ ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕުން އާ ބަޔަކަށް ޖާގަ ދިނުމަށްޓަކައި، އެ ޕާޓީން ފެއިލްވި ހުރިހާ ބޭފުޅުން ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ނިހާން ގޮވާލެއްވިއިރު، އެ ޕާޓީ ހިންގުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަވާލުވެވަޑައިގަންނަވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ.