ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ހިދުމަތް ދެވޭނެ ހެން ޑިޖިޓަލް ކޮމިއުނިކޭޝަންގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާ ކުރުން ކަމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމޭރަމުން ވާހަކަފުޅު ދެއްކެވީ، ދިރާގުން ރާއްޖޭގެ 75 ޕަސެންޓަށް އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ދޭން ފަށާފައިވާތީ، އެކަން ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރޭ ދިރާގުން އެކަން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާއިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް ކަމަށާއި، ވަކި ވަކި ރައްތަކެއްގެ ގޮތުގައި އޮތް ރާއްޖެއަށް ފެންވަރު ރަނގަޅު މުއާސަލާތީ ހިދުމަތެއް ފޯރު ކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. 

"ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ހިދުމަތްތެރިއެއް. ވަކިން ހާއްސަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްގީ ކުރުމުގައި، ދިރާގުގެ ހިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ،" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ހިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް، މިއަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ހިދުމަތް ލިބި، ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށްވުރެވެސް ކުޑަވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގު ވުޖޫދަށް އައުމުގެ ކުރިން ރާއްޖޭގައި ފޯނު ބޭނުން ކުރި މިންވަރު ވަރަށް މަދު ކަމަށާއި، ދިރާގު އުފެދުނުތާ 10 ވަރަކަށް އަހަރު ނުވަނީސް ދިރާގުން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ނެޓްވޯކެއް ގާއިމްކޮށް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ފޯނުގެ ހިދުމަތް ދީފައި ކަމަށެވެ.

"ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅާލުމަށްޓަކާ ސަބްމެެރިން ކޭބަލެއް ސްރީލަންކާ އަށް އަޅާ، އިންޓަނެޓުގެ ސްޕީޑާއި ކޮލެޓީގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރެވިގެން ދިޔަ،" މިއީ އިންޓަނެޓުގެ ހިދުމަތް ފުޅާވެގެން ދިޔުމުގެ ފެށުން ކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން ބުނީ ހައި ސްޕީޑް ބްރޯޑްބޭންޑު އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ ސަބްމެރިން ކޭބަލް އެޅުން ކަމަށާއި ހއ އިން ފެށިގެން އައްޑުއާ ހަމައަށް ސަބްމެރިން ކޭބަލް ވިއުގަ ދަމާލެވިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *