ޒަމާން މިވަނީ ބަަދަލުވެފައެވެ. މިޒަމާނަކީ ގިނަ މީހުން ފައިސާގެ ފަހަތުން ދުވާ ޒަމާނެކެވެ. މިއަދު ހުރިހާ ވެސް އެއްޗަކީ ފައިސާއެވެ. އެކުވެރިން އިޚުތިޔާރު ކުރުމުން ފެށިގެން ހަޔާތުގެ ބައިވެރިޔާ އިޚުތިޔާރު ކުރުމާއި ޖެހެންދެން ގިނަ މީހުން މިއަދު ބަލަނީ ފައިސާ ގިނަ މީހުންނަށެވެ. އަތުގައި ލާރި ހުންނަ، މިލްކިއްޔާތުގައި ދެތިން ހަތަރު އެޕާޓްމެންޓާއި، ބޮޑު ވިޔަފާރިއެއް އޮންނަ މީހަކީ މިއަދު މުޖުތަމައުގައި ބަސްވިކޭ އަދި ގަދަރުހުރި މީހެކެވެ. މިއަދު އަތުގައި ލާރިއެއް ނެތް ފަގީރު މީހަކީ މުޖުތަމައުގައި އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ. މިއީ ހަގީގަތުގައި ވަރަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ.
އަދު މި މުޖުތަމައުގައިވެސް "ގޯލްޑް ޑިގަރ"އިން ވަރަށް ގިނައެވެ. ގޯލްޑް ޑިގާރ އިންނޭ އަޅުގަނޑުމެން މިކިޔަނީ ފައިސާގެ ފަހަތުން ދުވާ މީހުންނަށެވެ. ހާއްސަކޮށް ގޯލްޑް ޑިގާ މި ބަސް ރައްދުވަނީ، ފައިސާގެ ބޭނުމުގައި މުއްސަނދި ފިރެހެނުންގެ ފަހަތުން ދުވާ އަންހެނުންނަށެވެ. މިއީ މިއަދު ދިވެހިންގެ ތެރެއިން ގިނައިން ފެންނަމުންދާ މަންޒަރެކެވެ. މިއަދު މި ފެންނަނީ ފައިސާގެ ދަހިވެތި ކަމުގައި ތިބާއަށް ވުރެ އުމުރުން ފަނަރަ ވަރަކަށް އަހަރު ބޮޑު މީހަކާއި ރައްޓެހި ވެގެން ނުވަތަ ކައިވެނިކޮށްގެން އުޅޭ ތަނެވެ. އެއްވެސް ހާލެއްގައި އަޅުގަނޑު މިދަންނަވަނީ އެންމެން މިހެން އުޅޭ ވާހަކައެއް ނޫނެވެ. ނަމަވެސް ބައެއް މީހުން، އެމީހުންނަށް ވުރެ އުމުރުން ދޮށީ މީހުންނާއި ކައިވެނީގެ ގޮތުން ގުޅެނީ ނުވަތަ ރައްޓެހި ވަނީވެސް ހަމަ ފައިސާގެ ބޭނުމަގައެވެ.
ރެސްޓޯރެންޓް ތަކަށާއި ނުވަތަ ރިސޯޓް ތަކަށް ގޮސް، ތިބޭފުޅުން އަމިއްލަ ލޮލުން އަމިއްލަ އަށް ބައްލަވާލައްވާފި ނަމަ އަޅުގަނޑު މި ދައްކަނީ ދޮގު ވާހަކެއް ނުން ކަން ޔަގީން ވާނެއެވެ. އެތަން ތަނުން ފެނިގެންދާނެ މަންޒަރަކީ، އުމުރުން 18 އަަހަރު ނުވަތަ 19 އަހަރުގެ ޒުވާން ރީތި އަންހެން ކުދިން ތިބޭނީ އެކުދިންނަށް ވުރެ އުމުރުން ދެގުނަ އިތުރު މީހުންނާއި އެކީއެވެ. ކޮންކަމެއްގެ ބޭނުމުގައި ހެއްޔެވެ؟ ފައިސާގެ ބޭނުމުގައެވެ. މުއްސަނދި ދިރިއުޅުމެއް އުޅެލުމަށް ފެންބޮވައި ގަނެފައި ވާލެއް ބޮޑު ކަމުންނެވެ. އެކުދިންގެ ބޭބެ މެން ނުވަތަ ބައްޕަ މެންގެ އުމުރުގެ މީހުންނާއި އެކީ ރިސޯޓް ތަކަށް ގޮސް، މަޖާކޮށް ފާޑު ފާޑަށް އުޅޭ އިރު ހިތަށް އެއްޗެއް ނާރަނީ ބާއޭ އަޅުގަނޑު ހިތަށް އަރައެވެ.
މިއަދު ގިނަ އަންހެން ކުދިން ބިޓެއް ނެގުމުގެ ކުރިން ބަލާނީ ފިރެހެން ކުއްޖާގެ ބެންކު ބެލެންސަށެވެ. ނޫނީ ފިރެހެން ކުއްޖާ އަތުގައި ރޭގަނޑު ފިނި ބުރު ޖަހަން ދާނެ ސައިކަލެއް ހުރި ތޯއެވެ. އެކުއްޖަކީ ކިތަންމެ އަޚުލާގު ރަނގަޅު ހިތްހެޔޮ ކުއްޖަކަށް ވިޔަސް، އެ ފިރެހެން ކުއްޖާ އަތުގަައި ލާރިއެއް ނެތިއްޔާ އެކުއްޖާ ގިނަ އަންހެން ކުދިން ކޮށްލާނީ ރިޖެކްޓް އެވެ.މިހެން އުޅުމުގެތެރޭގައި ގިނަ ފަހަރަށް ލިބެނީ ކެއްސެކެވެ. ފައިސާގެ ދަހިވެތި ކަމުގައި އުމުރު ބޭކާރު ކޮށްލާއިރު އެއް ފަހަރުވެސް ވިސްނާ ނުލަނީ ތޯއެވެ؟