ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ބިސް އަޅަން އެރި ކަމަށް ބެލެވޭ ވެލާ މަރުވެގެން އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.
މާފަރު އެއާޕޯޓުގެ ރަންވޭއަށް ވެލާ އަރައި ބިސް އަޅާފައިވާ ފޮޓޯ މީސް މީޑިއާ ދައުރުވީ މިިދިޔަ އަންގާރަ ދުވަހު އެވެ. އެއާއި އެކު ރާއްޖޭގެ ނޫސްތަކާއި އަދި ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެ ހަބަރު އެރިއެވެ.
މީސް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ބިސް އަޅަން އެރި ވެލާ މަރުވެފައި އޮއްވާ ފެނުނު އިރު އަނިޔާގެ ނިޝާންތަކެއް ހުށްޓެވެ. އެގޮތުން ވެލާގެ ބުރަކަށި މަތިން ބޮޑު ތަންގަނޑެއް ގޭނިފައި ހުއްޓެވެ. އެހެންކަމުން އެއީ ރަންވޭމަތީގައި ވެލާ ދަމާފައި ގެންދިއުމުން ވެފައި ހުރި ގޮތެއް ކަމަށް ބެލެވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރަންވޭ މަތިން ވެލާ ފެނުނީ ބޯޓު ޖައްސަންވެގެން ރަންވޭ ޗެކްކުރަނިކޮށެވެ. އެވަގުތު އެމީހުން ވެލާ ވަގުތުން ގޮނޑުދޮށަށް ދޫކޮށްލީ އެވެ.
އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ވެލާގެ ތޮށިގަނޑަށް ބަލައިލުމުން އެއަށް އަނިޔާކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.