މިމަހުގެ 6 ވަނަ ދުވަހު ބޭއްވުނު ނާވަރަވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ އިންތިހާބު ބާތިލު ކުރާނެ ގާނޫނީ ހުތްޖަތެއް ނުދެއްކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިހެން ވިދާޅުވީ، ތުޅާދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ.
"އެއްވެސް ދާއިރާއެއްގެ އިންތިހާބެއް ބާތިލް ކުރާނެ ގާނޫނީ ހުތްޖަތެއް ނުދެއްކޭނެ" ޝަރީފް ކުރެއްވި ޓުވީޓުގައި އެބޭފުޅާ ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެ ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެފައިވާއިރު، ބެލެވޭ ގޮތުގައި އެ އޯޑިއޯއަކީ ގާނޫނީ ވަކީލަކާއި އެހެން މީހަކާއި ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އެކެވެ. އޯޑިއޯގައި ބުނާގޮތުން އެ މައްސަލަ މިއަދު ސްޕްރީމް ކޯޓަށް ހުށަހަޅާނެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ 65 ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކުރައްވައި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރައްވާފައެވެ.