ނޯޓް: މިއީ މައިންބަފައިންނާއި މެދު ރަނގަޅަށް ކަންތައް ކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ލިޔުމެއް ނޫނެވެ. މި ލިޔުން އަމާޒުކުރެވިފައިވާނީ މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް ގޯސްކޮށް ކަންތައް ކުރާ މީހުންނަށެވެ.
ދަރިންނަކީ މައިންބަފައިންނަށް ގަދަކީރިވަންތަ ﷲ ސުބުހާނަހޫ ވަތާއަލާ ދެއްވާ ނިއުމަތެކެވެ. ދަރިންނަކީ މާތްﷲ މައިންބަފައިންނާއި ހަވާލު ކުރައްވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވެ، ދަރިން ހެޔޮ ގޮތުގައި ބޮޑު ކުރުމަކީ ކޮންމެ މަންމައެއް އަދި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ހަމައެފަދައިން، މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އަޅައިލައި އޯގާތެރިވުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް މާތް ﷲ ސުބުހާނަހޫ ވަތާޢާލާ ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އެހެން ކަމުން މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް ލޯތްބާއި އަޅައިލުން ދިނުމަކީ ކޮންމެ ދަރިއެއްގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެކެވެ.
މައިންބަފައިން މުސްކުޅި ވާދުވަހު އެމީހުންނާއި ދޭތެރޭގައި ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރުމަކީ ދަރިން ކުރުން ހެޔޮވެސް ވާވަރު ކަމެއް ނޫނެވެ. މައިންބަފައިންނާއި ދެތެރޭ ގޯސްކޮށް ކަންތައް ކުރުމަކީ ދަރިންގެ ބޮލުގައި އެތައް ފާފަތަކެއް އެޅިގެންދާ ކަމެކެވެ.
ޒަމާން ބަދަލު ވަމުން ދިޔަ ވަރަކަށް ދިވެހިންގެ ވިސްނުންވެސް މިދަނީ ބަދަލު ވަމުންނެވެ. އަޅުގަނޑު ބައެއް ފަހަރު ހިތަށްވެސް އަރައެވެ. ޒަމާން ބަދަލުވެ ވިސްނުން ތަހްޒީބު ވަމުން ދިޔަވަރަކަށް ބައެއް ދިވެހިންގެ ހިތުގައި އޮންނަ ކުލުނާއި އަޅާލުމުގެ ބައި ވެސް ހަމަ މަދުވަނީ ބާއެެވެ. ތިބާ ދުނިޔެއަށް ލޯ ހުޅުވާލި ދުވަހުން ފެށިގެން ތިމާ ބޮޑުވެ އަަމިއްލައަށް އުޅެވޭ ވަރު ވަންދެން ބަލައި ބޮޑު ކުރި މައިންބަފައިން، ނުވެސް ދަންނަ ބޭރު ގައުމަކުން އައިސް ހުރި މަސައްކަތު މީހެއްގެ އަތް މައްޗަށް ބަލަން ދޫކޮށްލާއިރު، ތިޔަ ބޭފުޅުންގެ ހިތުގައި މައިންބަފައިންނާއި ދޭތެރެ އޮންނަ ކުލުނާއި ލޯބި ކޮބާތޯއެވެ؟
އަޅުގަނޑުމެން ބަލައި ބޮޑު ކުރުމަށްޓަކައި އެތައް ޤުރުބާނީ ތަކެއް ވެގެން، އެތައް ރެއެއްގެ ނިދި ނަގާލާ، ބުރަ މަސައްކަތުން ބަލައި ބޮޑުކޮށް މީހަކަށް ހަދައި ދިނުމުން، އަޅުގަނޑުމެން އޭގެ ބަދަލުގައި އެމީހުންނަށް ކޮށްދޭންވި ކަމަކީ އެމީހުން މުސްކުޅި ވާ ދުވަހު ބޭރު ގައުމަކުން މީހަކު ގެނެސް އެމީހުން ބެލުން އެ މަސައްކަތު މީހާގެ ބޮލަށް ޖެހުން ތޯއެވެ؟ މީހަކު އަޅެ ހައިރާން ނުވާނެ ތޯއެވެ؟ ނުވަ މަސް ދުވަހު ވަންދެން ތިބާ ބަނޑު ތެރޭގައި ރައްކާތެރި ކަމާއި އެކު ގެންގުޅުނު، މައި މީހާ މުސްކުޅިވާ ދުވަހު ކުޑަ ކުޑަ ޖަލެއް ވަރުގެ ކޮޓަރިއަކަށް ލާފައި ބަލާނެ ބަންގްލަދޭޝްގެ މީހަކު ގެނެސް، އެމީހާގެ އަތްމައްޗަށް މަންމަ ދޫކޮށްލާފައި، ތިބާއަށް ރޭގަނޑުގެ ހަމަ ނިދި ލިބޭތޯއެވެ؟ ތިބާ ބޭނުންވާ ކާ އެއްޗެހި ހޯދަ ދީފައި، ހުސް ބަނޑާއި ތިބާއަށް ޓަކައި ކޮންމެ ދުވަހަކު ވިއްސާރައަކަށް އަތްވަކަށް ނުބަލާ، ބުރަ މަސައްކަތް ކުރާ ބައްޕަ، މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު، އެބައްޕަ ނުދަންނަ މީހެއްގެ އަތްމައްޗަށް ބަލަން ދޫކޮށްލާފައި ތިބާ އަށް ހަމަ ނޭވާ ލެވޭތޯއެވެ؟
މައިންބަފައިން މުސްކުޅިވާ ދުވަހަކީ އަޅުގަނޑުމެންގެ ލޯތްބާއި ކުލުނު އެންމެ ބޮޑަށް ބޭނުންވާނެ ދުވަހެވެ. މުސްކުޅި ވާ ދުވަހު ދަރިންގެ ލޯތްބާއި ކުލުނު ނުލިބުމަކީ މައިންބަފައިން ހިތުގައި ޖެހޭނެ އެންމެ ބޮޑު އެއް ކަމެވެ. ތިބާގެ މައިންބަފައިން ބެލުން އެހެން ބޭރު ގައުމަކުން ގެންނަ މީހެއްގެ އަތްމައްޗަށް ދޫކޮށްލާފައި، ހަމަޖެހިގެން ސަކަރާތް ޖެހުމުގައި ވަގުތުތައް ހޭދަކުރާ އިރު ތިބާއަކީ އިންސާނެއްތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލިން ތޯއެވެ؟ މައިންބަފައިންނަށް މުސްކުޅިވާ ދުވަހު ބިކަ ކޮށްލުމަކީ، މާތް ވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކޮށް މަނާ ކުރައްވާފައިވާ ކަމެކެވެ.
ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ބައެއް ދިވެހިންނަށް ހަމަ ނުވިސްނެނީއެވެ. މައިން ބަފައިން ބަލަން ބޭރު މީހަކާއި، ހަވާލުކޮށްފައި ތިބާ މަޖާ ކުރުމުގައި ބުރަކޮށް އުޅޭ އިރު މިނޫން އެހެން ދުނިޔެއެއް ވާކަން ހަނދާން ނެތީ ހެއްޔެވެ؟ އަޅުގަނޑު އެންމެ ހައިރާން ވާކަމަކީ ތިމާ އަމިއްލަ މައިން ބަފައިންނަށް ހިތު ހުރިހައި ގޮތެއް ހަދާފައި، ދެން ވެސް އެކުވެރިންނާއި އެކު ކޮފީ ތަކަށާއި، ޝީޝާތަކަށް ދާން ބޭނުން މިކުރަނީ މައިން ބަފައިންނަށް ލިބޭ ލާރިކޮޅެވެ. ލަދޭ ކިޔައި އެއްޗެއް ހަމަ ބައެއް މީހުންގެ ގައިގައި ނެތީއެވެ. ތިބާއަށް ދަރިން ލިބި، ތިބާގެ ދަަރިން ތިބާއާއި ދޭތެރޭ ހިތު ހުރި ގޮތަކަށް ކަންތައް ކުރާ ދުވަހަކުން ދަރިންގެ ލޯތްބާއި އަޅައިލުން ނުލިބުމުން ހިތަށް ކުރާ އަސަރު އިހުސާސް ވާނެއެވެ.