ޚަބަރު
ޓްރާންސްޕޭރެންސީން މިއަދުގެ އިންތިހާބު އޮބްޒާވް ކުރަމުންދާނެ
2024 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ތެރެއިން---ފޮޓޯ: ޖަޒީރާ/ އަހުމަދު ސިރާޖް

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރަމުންދާ ކަން ހާމަކޮށްފި އެވެ.

އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގެ އިތުރުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި

މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ބެހެއްޓިފައިވާ 205 ވޯޓު ފޮށި އޮބްޒާވްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޓްރާންސްޕޭރެންސީން ވަނީ މި އޮބްޒަވޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ 270 އެއްހާ އޮބްޒާވަރުންނާއި ވޮލަންޓިއަރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ޓްރާންސްޕޭރެންސީން ބުނީ އިންތިހާބުގެ ވޯޓުލުން ފެށިފައިވަނީ ޖުމްލަކޮށް ރަނގަޅު އިދާރީ އިންތިޒާމުތަކާއި އެކީގައި ކަމަށެވެ. އަދި މަރުކަޒުތަކުގައި ޖުމްލަކޮށް ހުރިހާ އޮބްޒާވަރުން ވޯޓުލުން ފެށޭ ގަޑިއަށް ހާޒިރުވެފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އިންތިހާބުގައި ބޭނުންވާ ސާމާނު ހަމައަށް ހުރުމާއެކު 99 އިންސައްތަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާ ކަރުދާސްތައް ގެނެސް ހަމަކުރެވިފައިވާއިރު 99 އިންސައްތަ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ވޯޓުލާ ފޮށި ހުސްކޮށް ހުރިކަން ދައްކާފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

“ޖުމްލަ ގޮތެއްގައި ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި ހުރިހާ ސިޔާސީ ޕާޓީތައް ތަމްސީލުކުރެވިފައިވާއިރު 94 އިންސައްތަ ވޯޓުލާ މަރުކަޒުތަކުގައި އެކި ޕާޓީތައް ތަމްސީލުކުރާ މަދުވެގެން އެއް އޮބްޒާވަރުން ހުރިކަން ފާހަގަ ކުރަން. ވޯޓުލާން ފެށުނުއިރު 95 އިންސައްތަ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ” ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ވޯޓުލުމަށް ބެހެއްޓިފައިވާ ފޮށިތަކުގެ ތެރެއިން 96 އިންސައްތަ ފޮށިތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅިފައިވާ ކަމަށް ރިޕޯޓް ލިބުނު ކަން ޓްރާންސްޕޭރެންސީން ފާހަގަކުރި އެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުން ވޯޓްގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ 4 އިންސައްތަ މަރުކަޒުތައް އެ ޖަމިއްޔާއިން ވަރަށް ގާތުން އޮބްޒާވް ކުރަމުންދާ ކަމަށް ޓްރާންސްޕޭރެންސީން މައުލޫމާތުދީފަައި ވެއެވެ.

 

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top