ޚަބަރު
ރައީސް ސޯލިހު ވޯޓު ލައްވައިފި

މިއަދު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި އެވެ.

މިއަދު ރައީސް ސޯލިހު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ހިންނަވަރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ވޯޓު ފޮށްޓަ ށެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ސާފު އަގުލަބިއްޔަތެއް ލިބޭނެ ކަން މިއަދުވެސް ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުންދާ ކަމަށެވެ. އެހެން ކަމުން އެމްޑީޕީއަށް މި އިންތިހާބުން ކާމިޔާބީއެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ގާނޫނުން ފަހިކޮށްފައިވާ ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފައިގެން ވީހާވެސް ގިނަ މީހުން މިއަދުގެ އިންތިހާބުގައި ވޯޓު ލުމަށް އެދިވަޑައިގެންފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާފައި  ވެއެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަ ށެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އީސީން ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެދިފަ އެވެ. އީސީން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާކަމެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގެ ކިއޫތައް ކުޑަކުރުމަށް ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

ސިޔާސީ ޕާޓީތަކުންވެސް ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ އިންތިހާބުގައި ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަދު ހެނދުނު 8:00 ގައި ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ވޯޓުލެވޭނެ އެންމެ ފަހު ގަޑިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 17:30 އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top