ޚަބަރު
ރައީސް އެެދިވަޑައިގަތީ ވީ އެންމެ އަވަހަކަށް ވޯޓު ލެއްވުމަށް

ވީއެންމެ އަވަހަށް ވޯޓު ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން އެދިވަޑައިގަތީ މިއަދު ހެނދުނު 08:45 ހާކަށްއިރު އެމަނިކުފާނުގެ ދާއިރާގެ ފޮށްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާއި މުހާތަބު ކުރައްވަމުން ނެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ވަނީ ވީހާވެސް ގިނަ ބޭފުޅުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި ހަވީރު ވަންދެން މަޑުނުކޮށް، ވީއެންމެ އަވަހަށް ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެންނެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރައީސް ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުންނަ މާފަންނު ދެކުނު ދާއިރާއަ ށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާފައި  ވެއެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަ ށެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އީސީން ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެދިފަ އެވެ. އީސީން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާކަމެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގެ ކިއޫތައް ކުޑަކުރުމަށް ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

ސިޔާސީ ޕާޓީތަކުންވެސް ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ އިންތިހާބުގައި ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަދު ހެނދުނު 8:00 ގައި ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ވޯޓުލެވޭނެ އެންމެ ފަހު ގަޑިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 17:30 އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top