ޚަބަރު
ފަސް އަހަރު ތެރޭގައި މާލެ އާއި އެއް ފެންވަރަށް އައްޑޫ ތަރައްގީ ކޮށްދޭނަން: ރައީސް

ކުރިއަށް މިއޮތް ފަސް އަހަަރު ތެރޭގައި މާލެ އާއި އެއްފެންވަރަށް އައްޑޫ ތަރައްގީ ކޮށްދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރޭ މާލޭގައި އުޅޭ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރަން ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީގެ އަށް ގޮނޑި ސަރުކާރަށް ކާމިޔާބު ކޮށްދެއްވައިފި ނަމަ އައްޑޫ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަށް ކެނޑިޑޭޓުން އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނެ ކަަމަށެވެ. އަދި އެމަނިކުފާނު ވެފައިވާ ވައުދުފުޅުތަކަށާއި ތަރައްގީ ގެނައުމަށް އެބޭފުޅުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަަ އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތަކެއް ކަމަށެވެ.

އައްޑޫ ސިޓީގެ ވަރަށް މުހިއްމު ބޮޑެތި މަސައްކަތް ތަކެއް މި ވޭތުވެދިޔަ ފަސް މަސް ތެރޭގައި ފެށިފައި ވަނީ ވެސް ވަރަށް ދަތި އުނދަގުލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލީހުން ބޭނުންވާ އެއްބާރުލުން އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ވެސް ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށް ބަޖެޓު ފާސްކޮށްދޭން މަޖިލީހަށް ހުށައެޅީމައި، ފާސްކުރީ އެބޭފުޅުން ބެނުންގޮތަށް ބަދަލުކޮށްފައި

ރައީސް ވިދާޅުވީ މަޖިލީހުގެ އެއްބާރުލުމެއް ނެތި ވެސް ކަންކަން ކޮށްދީފައިވާނެ ކަމަށެވެ. މުހިންމު ގިނަ ކަންކަން މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ އައްޑޫ ބްރިޖްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން. ނަތީޖާ ނޫން އެއްޗެއް އަޅުގަނޑަކަށް މުހިންމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންގެ އަށް ކެންޑިޑޭޓުން ހޮވަންވީ. ވަގުތު ބޭކާރުކޮށްލާނެ ކަމެއް ނެތް. ދެވަނަ ވިސްނުމެއް ސިކުނޑިއަށް ގެންނާނެ ކަމެއް ވެސް ނެތް.

އައްޑޫ ސިޓީގެ އަށް ދާއިރާއަށް ސަރުކާރުގެ އަށް ކެންޑިޑޭޓުން ހޮވައިދެއްވައިފިނަމަ ޔަގީނުންވެސް ފަސޭހަ ކަމާއި އެކު ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ މިހާރު ބޭނުންފުޅު ވަނީ ނަތީޖާ ނެރެދެއްވުމަށް ކަމަށެވެ.

ބްރިޖު މަޝްރޫއުގެ އިތުރުން މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފެނުގެ ނެޓްވޯކްގެ މަސައްކަތުގައި ސޮއިކުރައްވާ ހަވާލުކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަނެއް ކަމަކަށް ރައީސް މުއިއްޒު ވިދާޅުވީ ދޮޅު އަހަރު ދުވަހުގެ ކަރަންޓުގެ މަޝްރޫއުގައި ފެނަކަ އިން ސޮއިކުރައްވާފައިވާ ކަމަށެވެ. މި މަޝްރޫއު ނިމުމުން ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ވެގެން ދާނީ ވިހި އަހަރު ދުވަހު ކަރަންޓުގެ މައްސަލަ އާއި މެދު ވިސްނަން ނުޖެހޭނެ ފެންވަރަށް ކަމަށްވެސް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top