ރިޕޯޓް
އިޒްރޭލަށް ހަމާސް ބަލި ނުކުރެވެނީ ކީއްވެ؟

7 އޮކްޓޫބަރުގައި އިޒްރޭލުގެ ބިމުން 200 އެއްހާ މީހުން ރަހީނުކުރި ފަހުން އިޒްރޭލުން ދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ނައްތާލުމުގެ ނަމުގައި މުޅި ގައްޒާ ސުންނާފަތި ކުރަމުން ނެވެ. އޭރު ހަމާސްއިން ރަހީނުކުރި މީހުންގެ ތެރެއިން މަދު ބަޔަކު ވަނީ އިޒްރޭލާއި ހަމާސްއާއި ދެމެދު ކުރި މަޝްވަރާއަކަށްފަހު އަމާންކަމާއިއެކު އެމީހުންގެ ގައުމުތަކަށް އަނބުރާ ގެންގޮސްފަ އެވެ. އެހެން ނަމަވެސް، ހުދު އިޒްރޭލުގެ ސިފައިންގެ ބަޑީގެ ވަޒަނުގެ ޝިކާރައަކަށްވި 3 ރަހީނުން ވަނީ ގައްޒާގެ ބިމުގައި މަރުވެފަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާގެ ގޮތުގައި މަޝްހޫރު އިޒްރޭލުގެ އަސްކަރިއްޔާއަކަށް އަދިއަދަށްވެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރެވިފައި ނުވެ އެވެ. އިޒްރޭލުގެ ޔަހޫދީ ދައުލަތުން ދަނީ މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުން ބިކަކޮށް، އެމީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ދޫކޮށް، އެތައް ބަޔެއް ޝަހީދުކުރަމުން ނެވެ. “ދުނިޔޭގެ އެންމެ އިހުސާންތެރި އަސްކަރިއްޔާ” ކަމަށް ދައުވާކުރާ އިޒްރޭލުން ދަނީ އާންމުންނަށް ގަސްދުގައި ހަމަލާދީ، ގައްޒާގައި ތިބި ކުދިބޮޑު އެތައް ބަޔެއްގެ އަތްފައި ބުރިކުރަމުން ނެވެ. އެހެން ނަމަވެސް، ހުޅަނގުގެ މީޑިއާތައް ކުރިމަތީގައި އިޒްރޭލުން ދަނީ ހަމާސްގެ ‘ބިރުވެރިކަން’ ސިފަ ކުރަމުން ނެވެ.

އެއާއި ހިލާފަށް ހަމާސްއިން މިނިވަންކުރި ރަހީނުން އަނބުރާ ގައުމުތަކަށް ދަނީ ހިނިތުންވުމަކާއި އެއްކޮށެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި އުޅުނު ދުވަސްކޮޅު، ހުރިހާ ޒަރޫރީ ބޭނުންތައް ފުއްދާދީ، އޯގާތެރިކަމާއި އަޅާލުން ފޯރުކޮށްދިން ކަމަށް އެމީހުން ބުނަމުން ދެއެވެ. ނުވީތާކަށް ހަމާސްގެ މީހުންގެ އަމިއްލަ ފުރާނަ އަތަށްލައިގެން ގައްޒާއަށް ފޮނުވަމުންދާ ހަމާލަތަކުން ރަހީނުންތައް ސަލާމަތްކުރި ކަމަށްވެސް އެމީހުން ހެކިވެފައި ވެއެވެ.

ފަލަސްތީނުގެ އެތައް އާއިލާތައް ފަނާކުރަމުންދިޔަ ނަމަވެސް، ސުވާލަކީ އިޒްރޭލަށް އެމީހުންގެ މަގްސަދު ހާސިލުކުރެވޭބާ އެވެ؟ ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ހަތިޔާރުގެ މިލްކުވެރިން ކަމުގައިވާ އިޒްރޭލަށް އަމިއްލަ އަތުން އުފައްދާ ކުޑަކުޑަ ހަތިޔާރުތަކުގެ ވެރި ހަމާސް އެއްކޮށް ނައްތާނުލެވެނީ ކީއްވެބާ އެވެ؟

ގައްޒާގެ ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ ހަމާސް، އިޒްރޭލުގެ އަތްދަށުން ބަލިނުވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދެއެވެ. އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެކްސްޕާޓެއް ކަމަށްވާ ތަހާނީ މުސްތަފާ ބުނާގޮތުންނަމަ އިޒްރޭލުން ދުނިޔެ ކުރިމަތީގައި ބުނަމުންދާ މަގްސަދުގެ ސައްހަކަމާއި ދޭތެރޭ ޝައްކެެވެ.

“އިޒްރޭލުގެ މަގްސަދު ވަރަށް ސާފު. އެމީހުން ބޭނުންވަނީ ފަލަސްތީނު މީހުންނަށް އަދަބު ދީ، ގައްޒާއަކީ ދިރިއުޅެން ހެޔޮނުވާ ވަރު ތަނަކަށް ހެދުން. އެއީ އެމީހުން 2007 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަންތައް. ގައްޒާ ސްޓްރިޕް ވަށާލާފައި އަނިޔާވެރިކަން ހިންގުން. ނަމަވެސް 7 އޮކްޓޫބަރުން ފެށިގެން އެކަންތައް އެކުރަނީ ކުރިއާއި އަޅާ ބަލާއިރު ދެގުނައަށް އަނިޔާވެރިކޮށް. އެމީހުންނަށް އެމަގްސަދު ހާސިލުކުރެވިއްޖެ”

އޭގެ އަނެއްކޮޅުން ހަމާސްއިން ދަނީ އެމީހުންނަށް އިޒްރޭލާއި ކުރިމަތިލެވޭނެކަން އެންގުމުގެ ގޮތުން އިޒްރޭލު ސިފައިންނާއި އެކީ ކުރަމުންދާ ހަނގުރާމައިގެ ވީޑިއޯތައް މީޑިއާގައި ދައުރުކުރަމުން ނެވެ. ހަމާސްއިން މި ވީޑިއޯތައް ނެރެން ފެށީ 7 އޮކްޓޫބަރުގެ މާކުރިން އިޒްރޭލުން ހަމާސް ނައްތާލާނެ ކަމަށް އިންޒާރު ދިނުމުގެ 6 މަސް ކުރިން ނެވެ.

ތަހާނީ އަލްޒަޖީރާއަށް ކިޔާދިން ގޮތުގައި އިޒްރޭލަކީ ހަމާސް ފަދަ ކުދި ޖަމާއަތްތަކުން އެއްގަމު މަގުން ދޭ ހަމަލާތަކާއި ކުރިމަތިލާން ބަލިކަށި ބައެކެވެ. އީރާންގެ ޕްރޮކްސީން ކަމަށް ބެލެވޭ ހިޒްބުއްﷲއާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތަކާއި ޔަމަނުގެ ހޫތީންވެސް ދަނީ 7 އޮކްޓޫބަރަށްފަހު އިޒްރޭލު ސިފައިންނާއި ހަނގުރާމަ ކުރަމުން ނެވެ.

މީގެ އިތުރަށްވެސް، ދާދި ފަހުން އީރާނުން ވަނީ ސީރިއާގައި ހުންނަ އެގައުމުގެ އެމްބަސީއަކަށް ދިން ހަމަލާ ކުށްވެރިކުރުމުގެ ގޮތުން އިޒްރޭލަށް ހަމަލާ އަމާޒުކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ އީރާނުގެ އިންޒާރަށް ބެލުމެއްނެތި އީރާންގެ އިސްފަހާން ސަރަހައްދުގައި ހުންނަ ނިއުކްލިއާ ޕްލާންޓަކަށް އިއްޔެ ހެނދުނު ޑްރޯން ފޮނުވާފަ އެވެ. ނަމަވެސް އީރާނުގެ ދިފާއީ ބާރުން ވަނީ އިއްޔެ އިޒްރޭލުން ފޮނުވި ކަމަށް ބެލެވޭ ޑްރޯންތައް ވައްޓާލާފަ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ބަލާއިރު، އިޒްރޭލުން ވަނީ އަސްކަރިއްޔާގެ އެއް ޔުނިޓް އެއްކޮށް އެންމެ ހައެއްކަ ފަލަސްތީނު މީހުންގެ ކިބައިން ދިފާއުވުމަށްޓަކައި ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް ފޮނުވާފަ އެވެ. މިއީ އިޒްރޭލުގެ ގަދަފަދަ ސިފައިންގެ ބަލިފައިގެ އެއް މިސާލެވެ. ތަހާނީ މައުލޫމާތުދިންގޮތުން ނަމަ ހަ ގަޑިއިރު ވަންދެން އިޒްރޭލު ސިފައިންނާއި ކުރިމަތިލި އެ ހައެއްކަ ޒުވާނުންނަކީ އަސްކަރީ އެއްވެސް ތަމްރީނެއް ލިބިފައިވާ ބައެއް ނޫނެވެ.

އިތުރު މިސާލަކަށް ބަލާނަމަ، އިޒްރޭލަށް ހަމާސްގެ ވަރުފަދަ ހޮހަޅައިގެ ތެރެއިން ހަލާކު ކުރެވުނީ ހަމާސް ބޭސްގެ ތިންބައި ކުޅަ އެއްބައި އެވެ.

“ކުރީގައި އިޒްރޭލުން ބުނީ ހަމާސްގެ ލޮކޭޝަނަކީ ގައްޒާގެ އުތުރު ކަމަށް. ފަހުން ބުނަނީ ހަމާސް ދިރިއުޅެނީ ގައްޒާގެ ދެކުނުގަ ކަމަށް. މިހުރިހާ ވާހަކަތަކުން ދޭހަވަނީ އިޒްރޭލުގެ އިންޓެލިޖެންސް ނިޒާމު އެހާ ފުރިހަމަ ނޫންކަން. އަދި އެމީހުންގެ މަގްސަދަކީ ސީދާ ހަމާސް ޓާގެޓް ކުރުމެއް ނޫން. މަގްސަދު އެއަށްވުރެ ބޮޑު” ތަހާނީ ބުނެފައި ވެއެވެ.

އިޒްރޭލުން ބޭނުންވަނީ ހަމާސްއިން ގައްޒާގައި ކުރިއަށްގެންދާ ވަރުގަދަ ލީޑާޝިޕް ދަށް ކުރުން ކަމަށް ތަހާނީ ގަބޫލު ކުރެ އެވެ.

ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ ބޭސްއެއް ކަމަށް ބުނެ އެތަަނަށް ކިތަންމެ ވަރަކަށް ބޮން އެޅިޔަސް، ހަމާސްގެ ވެރިކަން ނައްތާލުމުގައި އިޒްރޭލު ނާކާމިޔާބުވަމުންދާ ކަމަށް ތަހާނީ ބުނެފައި ވެއެވެ. އިޒްރޭލުން ހަމާސްގެ އަގު ވައްޓަން ކުރާ މަސައްކަތްތައް ނާކާމިޔާބުވެ، ގައްޒާ ރައްޔިތުންގެ މެދުގައި ހަމާސްގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ މީހުންގެވެސް ތަރުހީބު ހަމާސްއަށް ބޮޑުވާން ފެށި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top