ޚަބަރު
ޕީއެންސީގެ މެންބަރުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ: ރައީސް

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މިސާލު ދައްކާފައިވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީގައި ކަމަށާއި އެކަން މިފަހަރުވެސް ފެނިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރީ ހަމަ ޕީޕީއެމް މަޖިލިސް މެންބަރުން ކަމަށެވެ.

މިފަހަރު ޕީއެންސީގެ ޓިކެޓުގައި ނިކުންނަވާ ހުރިހާ ކެންޑިޑޭޓުންނަކީވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައިވެސް އެކަން ކުރާނެ ބައެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރު ކެންޑިޑޭޓުންނަކީ ޒިންމާދާރު އަދި ތެދުވެރި ބައެއްކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސް މުއިއްޒު ވަނީ އިދިކޮޅުން އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫންކަން މިހާރު އެމީހުންގެ ވާހަކަތައް ހުރި ގޮތުން އެނގިގެންދާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅުގެ އަމާޒަކީ ބަގާވާތް ކުރުންކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީކުރުމުގެ ވާހަކަ ދެއްކިޔަސް، ފަހުން އެ ވާހަކަ އަސްލު އެ ބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފުޒުތައް.

މިފަދަ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓުނަ ދީގެން ނުވާނެކަމަށާއި ގައުމުގެ ހަމަޖެހުމާ އަމަން އަމާންކަމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުލުން ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީއަށް ސުޕަމެޖޯރިޓީ ދިނުމުން އެކަން ނުވި ކަމަށާއި އަދި ރާއްޖެއަށް ތަރައްގީވެސް ގެނެސްދެވިފައި ނުވާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމުން ވީވަރު ކަމަށާއި އެހެންކަމުން އިދިކޮޅުގައި އޮވެގެން މެޖޯރިޓީ ހޯދައިގެން އެމްޑީޕީއަށް ގެނެސް ދެވޭނެ ތަރައްގީއެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top