ޚަބަރު
ގައުމީ އިނާމުދިނުމުގެ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާ އިތުރުކުރައްވައިފި

މިއަހަރުގެ ގައުމީ އިނާމުދިނުމުގެ ޖަލްސާގައި އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާ އިތުރުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަލަށް އިތުރުކުރެއްވި އެއް ދާއިރާއަކީ، ދިވެހި ގައުމިއްޔަތުގެ ދާއިރާ ކަމަށެވެ. ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން “އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް” ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން އިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކުރައްވާފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގެންފައިވާ ހާއްސަ ހިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަ ށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ހިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަ ށެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމު މި އަހަރުވެސް ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 23ވާ އަންގާރަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ގައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވާފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top