ޚަބަރު
މަޖްލިސް އިންތިހާބާއި ގުޅިގެން އޭސީސީން ފޯރަމެއް ބާއްވައިފި
ފޮޓޯ: އޭސީސީ

އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަންފީޒުކުރި އިލެކްޝަންސް ސްޓްރެޓިޖީގެ ދަށުން އިންތިހާބީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމުގެ މަގްސަދުގައި، އިންތިހާބީ ކޮރަޕްޝަނުގެ ކުށް ތަހުގީގުކުރުމުގައި ގާނޫނީ ގޮތުންނާއި، އިޖްރާއީ ގޮތުން އަދި ހެކި ހޯދުމާ ގުޅޭ ގޮތުން އޭސީސީން ބުދަ ދުވަހުގައި ފޯރަމްއެއް ބާއްވައިފި އެވެ.

މި ފޯރަމްގައި އޭސީސީގެ ރެޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓްގެ 45 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި ފޯރަމް ފެށުމުގެ ހަފްލާ ތައާރަފް ކުރުމުގެ ގޮތުން ވާހަކަ ދައްކަވާފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޑިރެކްޓާ އޮފް ޕްރިވެންޝަން  ފާޠިމަތު އިބްނާ އެވެ. އަދި މިފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް  ފުއާދު ތައުފީގެވެ. އަދި އޭގެ ފަހުގައި އޭސީސީގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް ވަނީ ފޯރަމްގެ ބައިވެރިނާއި މުހާތަބް ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖްލިސް އިންތިހާބާ ގުޅިގެން މި ބޭއްވުނު ފޯރަމްގައި ކޮމިޝަނުގެ ފަސް ޕެނަލްއަކުން އިންތިހާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އޭސީސީގެ އެކި ޑިޕާޓްމެންޓްތަކާއި ޕޮރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ނެވެ.

މިފޯރަމްގައި ކުރިއަށް ގެންގޮސްފައިވާ ސެޝަންތަކުގައި އަލިއަޅުވާލާފައިވަނީ އިންތިހާބުތަކުގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ކޮބައިކަމާއި އިންތިހާބާ ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތާއި އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަންގައި ރަޖިސްޓަރީކުރުމާއި އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުން އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ އުފުލުމާ ބެހޭ ގޮތުން ނެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީއިން ރާވާ ހިންގި މި ފޯރަމަކީ ގާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން ހެކިހޯދުމުގައި ހިނގާ އިންތިހާބީ ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގައި ހުރި ގޮންޖެހުތަކާއި ބެހޭ ގޮތުން މުވައްޒަފުން އިތުރަށް ހޭލުންތެރި ކުރުމުގެ މަގްސަދުގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top