Uncategorized
އައްޑޫގެ ކަރަންޓު ޕްރޮޖެކްޓު ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ފެނަކަ ކޯޕަރޭޝަންއިން މިއަދު ހަވާލުކޮށްފި އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

މި މަޝްރޫއަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއަކަށްވާއިރު، ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރު ދުވަސް ފަހުން ކަމަށް ފެނަކައިން ބުނެ އެވެ.

މި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި އަދި 5.8 ގެ ދެ ޖެން ސެޓް ކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާގައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި، މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވެގެންދާނެ ކަމަށެވެ.

“މި ޕްރޮޖެކްޓަކީ 50 މެގަވޮޓްއަށް ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެ ޕްރޮޖެކްޓެއް. އެގޮތުން ގުޅިފައިވާ ރަށްތަކާއި ހުޅުދޫ މީދޫއާ ބްރިޖަކުން ގުޅާލެވުމުން އެ ދެ ރަށަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،”

އައްޑޫގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވީ އެ ސިޓީއަށް ދިމާވެފައި އޮތް ކަރަންޓުގެ ހާލަތުން އަރައިގަތުމަށް އެކަށީގެންވާ މަސައްކަތެއް މިހާރު ނުކޮށްފިނަމަ، ކުރިޔަށް އޮތް ދުވަސްތަކުގައި އެ ސިޓީ ބޮޑު ކާރިސާއަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އައްޑޫއަށް ކަރަންޓުގެ މައްސަލަ ދިމާވެ، ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އަދި މުޅި މައްސަލައަށް މިހާތަނަށް ހައްލު ގެނެވިފައެއް ނުވެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top