ޚަބަރު
ހިޔާ ފްލެޓުތަކުގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތަކުގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ލިފްޓު ހަރުކުރުމުުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހިޔާ ފްލެޓްގެ ދެވަނަ ޓަވަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރު އިބްރާހިމް ތޯރިގު ބައިވެރިވެވަޑައިގެންނެވި އެވެ.

ހިޔާ ފްލެޓްގައި އިތުރު ލިފްޓު ހަރުކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އެ ޖަލްސާގައި ހައުސިންގް މިނިސްޓަރު ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. މިއަދު މި ފެށުނީ އެ ވައުދު ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ކަމަށެވެ. ހިޔާ ފްލެޓު ފަދަ ބޮޑެތި އިމާރާތްތަކުގައި ލިފްޓު ގިނަކުރަން ޖެހޭނެ ކަމަށާއި ދެން ކުރިއަށް އޮތް މިފަދަ މަޝްރޫއު ތަކުގައި އެކަމަށް ސަމާލުކަން ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ހުރިހާ ޓަވަރެއްގައި ކުރިއަށް އޮތް އަހަރު ތެރޭގައި ލިފްޓު ހަރުކޮށް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ރަނގަޅު ކުރަން ޖެހޭ އިތުރު ކަންތައްތައް ހުރިކަމަށާއި މަސައްކަތް އެޗްޑީސީ އިން ކުރާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީ އިން މިހާރުވެސް ހުޅުމާލެ 1 އަދި 2 ގައި މިގޮތަށް ދިމާވެފައިވާ މައްސަލައާއި، ޕާކިން މައްސަލައާއި، ޓްރެފިކް އާއި ހައުސިން މައްސަލަތަކާއި، ލައިޓިންގް މައްސަލަ ތަކާއި އަދި މީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެހެން މައްސަލަތައް ވެސް ހައްލު ކުރުމަށްޓަކައި ވަނީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮންމެ ޓަވަރެއްގައި ހަރުކުރާ އެއް ލިފްޓަކީ ގާތްގަނޑަކަށް އެއްފަހަރާ 14 މީހުންނަށް އެރެވޭނެ ކެޕޭސިޓީގެ ލިފްޓެކެވެ. ދެން ހަރުކުރާ އަނެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ.

ހިޔާ ފްލެޓުގެ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރު ތަކުގައި މިހާރު ހަތަރު ލިފްޓު އަދި އަނެއް ބައެއް ޓަވަރުތަކުގައި ތިން ލިފްޓު ހުރެ އެވެ. އެހެން ނަމަވެސް ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓް މަދުވުމުގެ ސަބަބުން ވަނީ ދަތިތަކެއް ކުރިމަތި ވެފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top