ޚަބަރު
ރައީސް ޔާމީންގެ މައްޗަށް އިއްވި ރިޝްވަތުގެ ހުކުމް ބާތިލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގައި ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވާކަމަށް ބުނެ ދަށު ކޯޓުން އިއްވި ހުކުމް ގޯސްކަމަށް ނިންމާ ހައި ކޯޓުން އެ ހުކުމް ބާތިލްކޮށްފި އެވެ.

މި ނިންމުމާއެކު ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްވީ އެވެ. އެއާ އެކު ދެން ބާކީ އޮންނާނީ މަނީ ލޯންޑަރިން މައްސަލައިގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފް އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ މަނީ ލޯންޑަރިން މައްސަލައިގައި ހުކުމް އިއްވުން ފައްޓާނީ 18:45 ގައި ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވާކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ހައި ކޯޓަށް ފާހަގަވާ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ވަނީ އަންގާފަ އެވެ. އަދި އަލުން އެ މައްސަލަ ބަލާނަމަ ހައި ކޯޓުން ފާހަގަ ކުރި ނުކުތާތަކަށް ރިއާޔަތް ކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ހުކުމް ކުރީ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ހައި ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައި މިވަނީ މި މައްސަލައިގެ ޝަރީއަތެއް ނުބާއްވާތާ ފަސް ވަރަކަށް މަސް ފަހުންނެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. ހައި ކޯޓުން އެ ދުވަހުވަނީ އެ މައްސަލައިގެ ފަހުބަސް އިއްވާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.

22
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top