ކުޅިވަރު
11 އަހަރަށްފަހު ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ސެމީ އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު، ބޮރޫޝިއާ ޑޯޓްމަންޑުން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތުލެޓިކޯ އެވެ. ނަމަވެސް، އަންގާރަ ދުވަހުގެރޭ ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމަންޑް ވަނީ 4-2 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މިއާއެކު، ޑޯޓްމަންޑް ސެމީ އަށް ދަތުރުކޮށްފައިވަނީ 5-4 ގެ އެގްރިގޭޓް ނަތީޖާ އަކާއެކު އެވެ.

ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ފުރަތަމަ ގޯލު ޖަހައިދިނީ ހޫލިއަން ބްރަންޑްޓް އެވެ. އޭގެ ފަސް މިނެޓު ފަހުން އިއާން މާޓްސެން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓުގެ ތެރޭގައި ޑޯޓްމަންޑުގެ މެޓް ހަމެލްސް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. މިއާއެކު، އެތުލެޓިކޯ އަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. އޭގެ 15 މިނެޓު ފަހުން އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންހެލް ކޮރޭއާ އެވެ.

އެތުލެޓިކޯ އިން އެގްރިގޭޓް ނަތީޖާގައި ކުރިހޯދާފައިވަނިކޮށް، ޑޯޓްމަންޑުން ވަނީ ހަތަރު މިނެޓުގެ ތެރޭގައި ނަތީޖާ އަނބުރާލާފަ އެވެ. 71 ވަނަ މިނެޓުގައި ނިކްލަސް ފުލްކްރޫގް ޖެހި ގޯލާއެކު އެގްރިގޭޓް ނަތީޖާ އެއްވަރުވި އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޑޯޓްމަންޑް މޮޅުކޮށްދިނީ މާސެލް ސަބިޓްޒާ އެވެ.

ސެމީގައި ޑޯޓްމަންޑް ކުޅެން ޖެހޭނީ ފްރާންސްގެ ގަދަ ބާރު، ޕީއެސްޖީ އާއެވެ. ސެމީގެ ފުރަތަަމަ ލެގުތައް އޮންނާނީ، އެޕްރީލް 30 އާއި މެއި 1 ގަ އެވެ. ދެވަނަ ލެގު ކުޅޭނީ މެއި 7 އާއި މެއި 8 ގަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top