ކުޅިވަރު
ބާސެލޯނާ ކަޓުވާލުމަށްފަހު ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ސެމީ އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކަޓުވާލުމަށްފަހު ޕީއެސްޖީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޕީއެސްޖީ ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ނަމަވެސް، އަންގާރަ ދުވަހުގެރޭ ސްޕެއިންގައި ކުޅުނު މެޗުން ޕީއެސްޖީން ވަނީ ނަތީޖާ އަނބުރާލާފަ އެވެ. 4-1 ގެ ނަތީޖާއަކުން މޮޅުވެ، ޕީއެސްޖީ ސެމީ އަށް ދިޔައީ 6-4 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު އެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ކުރިހޯދައިދިނީ ރަފީނިއާ އެވެ. އެގްރިގޭޓް ދެ ގޯލުގެ ފައިދާއެއް ލިބުމުން އެ ޓީމަށް ވަނީ ހަމަޖެހިލާނެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް، 29 ވަނަ މިނެޓުގައި އެ ޓީމުގެ ރޮނާލްޑް އަރައުހޯ އަށް ރަތް ކާޑު ދެއްކުމާއެކު އެ ޓީމު ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބާސެލޯނާގެ ކުރީގެ ތަރި އޮސްމާން ޑެމްބެލޭ އެވެ.

ދެވަނަ ހާފު ފެށިގެން ޕީއެސްޖީން ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގާފަ އެވެ. ހާފު ފެށިގެން ނުވަ މިނެޓުގެ ތެރޭގައި ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ވިޓާނިއާ އެވެ. އޭގެ ހަތް މިނެޓު ފަހުން ޑެމްބެލޭ އަށް ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީ އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. ކީލިއަން އެމްބާޕޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާ ޕީއެސްޖީ ކޮޅަށް އަނބުރާލާފަ އެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިނީވެސް އެމްބާޕޭ އެވެ.

ސެމީ ފައިނަލުގައި ޕީއެސްޖީ ނިކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަ ށެވެ. ސެމީގެ ފުރަތަަމަ ލެގުތައް އޮންނާނީ، އެޕްރީލް 30 އާއި މެއި 1 ގަ އެވެ. ދެވަނަ ލެގު ކުޅޭނީ މެއި 7 އާއި މެއި 8 ގަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top