ޚަބަރު
ވޯޓު ދޭންވީ ތަރައްގީއަށް: ރައީސް

ރައްޔިތުންގެ މަޖިލިސް އިންތިހާބު ވަރަށް ކައިރިވެއްޖެ ކަމަށާއި ހުރިހާ ރައްޔިތުންވެސް އެދުވަހު އަވަސްވެ ގަންނަންވީ ތަރައްގީއަށް ވޯޓުދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރައްޔިތުން ވޯޓުލާން ނިކުންނަންވީ ތަރައްގީއާއި ގައުމުގެ ހަމަޖެހުމުގެ އިތުރުން ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އަމަންއަމާންކަމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށެވެ. މި ހުރިހާ ކަމެއް ހާސިލްވާން އޮތީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ތިން ކަންތައް ހާސިލްވާން އޮތީ ހަމަ ޔަގީނުންވެސް ބުއްދީގެ ބޭނުންކޮށް ވަކި އަތަކަށް ނުޖެހި ތައައްސަބުން އެއްކިބާވެ ހުރެ މިނިވަން ކަމާއި އިންސާފްވެރިކަމާއެކު ވިސްނައިފި ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވޭނެ ފަދައިން އަޅުގަނޑުމެންނަށް ތާއިދު ކުރާ އަޅުގަނޑުމެންގެ ފަރާތުން ނިކުމެ ތިބި ގައުމު ދެކެ ލޯބިވާ ކެންޑިޑޭޓުންނަށް ވޯޓު ދީގެން އެކަނިކަން.

މި ނޫން އެއްވެސް ގޮތެއް ނެތް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ފާއިތުވެ ދިޔަ ދުވަސްތަކުގައި އެނގިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މި ވެރިކަން ފެށުނު ފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރަމުން އައި އުނދަގޫތައް ރައްޔިތުންނަށް ފެނިގެން ގޮސްވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރެއިން ސަރުކާރަށް މީގެ ކުރިންވެސް ވަނީ އެތަށް ދަތިތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން 2024 ވަނަ އަހަރުގެ ބަޖެޓު ފާސް ކުރި އިރު ރައީސް މުއިއްޒުގެ ފަރާތުން ހުށަހެޅުއްވި ގިނަ ކަންކަން މަޖިލީހުން ވަނީ ބަލައި ނުގަންނަން ނިންމާފަ އެވެ. ރައީސް ވަނީ މިކަމުންވެސް ސަރުކާރަކަށް ރައްޔިތުންގެ މަޖިލިސް މުހިންމު ވަރު އެނގިގެންދާކަމަށް މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.

އެގޮތުން ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބަޖެޓު ފާސްކުރާ އިރު ސަރުކާރަށް މަޖިލިސް މެޖޯރިޓީ އޮތުން ވަރަށް މުހިންމުކަމަށް ސަރުކާރުގެ ގިނަ ފަރާތްތަކުން ބުނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top