ޚަބަރު
އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް، އަޅުގަނޑާއި ދެކޮޅަށް ދެއްކޭނެ ކަމެއް ނެތް: ރައީސް

ކިތަންމެ ވަރަކަށް، އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތައް އަޅުވަން މަސައްކަތްކުރިޔަސް، އެމަނިކުފާނާއި ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވައުދު ފުއްދާ ބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. މިދިޔަ 4-5 މަހެއް ތެރޭގައި ފުރިހަމަ ބާރު އޮވެގެން ސަރުކާރަށް ނިންމޭ ކަމެއް ވެއްޖެއްޔާ، އެކަމެއް ނިންމާދެއްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީއެއް އޮންނަ މަޖިލީހުން އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދެވުމުގައި ހުރަސްތަކެއް އަޅަމުންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ބޮލުގައި އެކި ދޮގު ތުހުމަތުތައް އަޅުވާފައިވަނިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ހަމަނުޖެހުން ހިންގާ ބައެެއްގެ ކޮންޓްރޯލްގެ ދަށަށް ރައްުޔިތުންގެ މަޖިލީސް ނުދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން މާލޭގެ މޭޔަރު ހޮވަން ބޭއްވި އިންތިހާބުގައިވެސް އެމްޑީޕީން އާންމުކޮށް ގެންގުޅޭ އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ރައްޔިތުން އެކަން ގަބޫލުނުކުރާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

“(އޭރު) ގެންގޮސް އެކި ކަހަލަ މައްސަލަތަކުގައި ސުވާލުކޮށް ޝަރީއަތްކޮށް، ކަންތައްތައް ކުރި ނޫންތޯ. އެއިން އެއްވެސް ކަމެއް ސާބިތެއްވެސް ނުވޭ. ދެން ރިޔާސީ އިންތިހާބު އައީ. ހަމަ އެކި ކަހަލަ ވާހަކަ ދައްކާ، ރައްޔިތުން އެކަން ގަބޫލުނުކުރީމާ ދެން ހަމަ ބުހުތާނު ދޮގު ހަދައިގެން އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތް ކުރި” އެމްޑީޕީން އެމަނިކުފާނު ވާދަކުރެއްވި އިންތިހާބުތަކުގައި މިފަދައިން ކަންތައް ކުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން އެމަނިކުފާނު އުފާވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އޭސީސީ ފަދަ ތަންތަނުން ވީހާވެސް ތަހުގީގު ކުރުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. ތަހުގީގު ކުރުމުން އެމްޑީޕީން ކުރާ އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތްކަން ހާމަވެގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އޭރުގައި ދެއްކި ވާހަކަތައް އަނެއްކާވެސް “އެއް ލަވައެއްގައި” އެމްޑީޕީން ގެނެސްދެމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނު އޭރުގައިވެސް ދެއްވި ޖަވާބު މިހާރުވެސް ތަކުރާރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

“ގާނޫނާއި ގަވާއިދާއި ހިލާފަށް އޭރުގައިވެސް ކަމެއް ކޮށްފަ ނޯންނާނެ. މިއަދުވެސް އަދި ކުރިއަށް އޮތްތާނގަވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ (ސ.ވ.އ) ގެ ކިބައިން ފުއްސެވުމާއި ރުއްސެވުން. އެހެންވީމަ ތިބޭފުޅުން (އެމްޑީޕީން) އަޅުގަނޑުގެ ބޮލުގައި އެއްޗެއް އަޅުވަން އުޑުގައި ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާއި ދެކޮޅަށް ދެއްކޭނެ އެއް ކަމެއްވެސް ނޯންނާނެ”

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top