ޚަބަރު
ތަރައްގީއަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް: ރައީސް

މި ސަރުކާރުން ރާއްޖެއަށް ގެނެސްދޭން ބޭނުންވާ ތަރައްގީއަށް ހުރަސް އަޅާ ބަޔަކަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބިލެއް ހުށަހަޅާއިރަށް މިހާރުވެސް އިދިކޮޅުން އެ ބިލެއް ބޭރުކޮށް ނުވަތަ ބިލުގެ މަސައްކަތް ލަސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގުމުގެ ގޮތުން ބޭރުގެ އެހީއަކަށް އެދުމުގެ ހުއްދައަކަށް މަޖިލީހުގައި އެދުމުން އެކަން އެޖެންޑާކޮށްދީފައިވެސް ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރު ފެނިގެން މިދަނީ އެކި ގޮތްގޮތުން ސަރުކާރަށް ޖެއްސުންކޮށް ރައްޔިތުން ބިކަ ކުރުމަށް އިދިކޮޅުން މަސައްކަތް ކުރާތަން ކަމަށާއި އެކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މިފަދަ ކަންކަމަށް އަޅުގަނޑުމެން މި މަޖިލިސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ.

ރައީސް ވިދާޅުވީ މިނިވަން ކަމާއެކު ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ އަމިއްލަ ވިސްނުމުން ވިސްނައިފި ކޮންމެ މީހަކަށްވެސް މިކަންކަން ގަބޫލު ކުރެވޭނެ ކަމަށެވެ.

މިހާރު ނިމެމުން މިދާ 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓި އެމްޑީޕީއަށް ލިބި މާލޭގެ ގިނަ ގޮނޑިތަކެއް ލިބުނު ނަމަވެސް މާލެއަށް ކޮށްދެވުނު ކަމެއް ނެތްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މާލެ ރައްޔިތުންނަށް ކަމެއްކޮށްދިނުމަށް މަސައްކަތް ކުރީ ވެރިކަން ނިމެން ދެތިން ދުވަހަށް ވީމަކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރެއިން ސަރުކާރަށް މީގެ ކުރިންވެސް ވަނީ އެތަށް ދަތިތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން 2024 ވަނަ އަހަރުގެ ބަޖެޓު ފާސް ކުރި އިރު ރައީސް މުއިއްޒުގެ ފަރާތުން ހުށަހެޅުއްވި ގިނަ ކަންކަން މަޖިލީހުން ވަނީ ބަލައި ނުގަންނަން ނިންމާފަ އެވެ. ރައީސް ވަނީ މިކަމުންވެސް ސަރުކާރަކަށް ރައްޔިތުންގެ މަޖިލިސް މުހިންމު ވަރު އެނގިގެންދާކަމަށް މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.

އެގޮތުން ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބަޖެޓު ފާސްކުރާ އިރު ސަރުކާރަށް މަޖިލިސް މެޖޯރިޓީ އޮތުން ވަރަށް މުހިންމުކަމަށް ސަރުކާރުގެ ގިނަ ފަރާތްތަކުން ބުނެ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top